ކިޔަވާކުދިން އިސްނަގައިގެން އެމެރިކާގެ އެތައް ސްޓޭޓެއްގައި ބަޑި ގެންގުޅުމުގެ މިނިވަންކަމަށް އޮންނަ ގާނޫނު އިސްލާހުކުރުމަށް ގޮވާލައި ބޮޑެތި ހިނގާލުންތަކެއް ބާއްވައިފިއެވެ.

ފުރާނައަށްޓަކައި ކުރެވޭ ހިނގާލުމުގެ ނަމުގައި ކުރިއަށްދާ އެ ހިނގާލުންތަކުގައި އެތައް މިލިއަން މީހުން ބައިވެރިވަމުންދާއިރު އެމެރިކާއިން ބޭރުން ޖަޕާން، އިނގިރޭސިވިލާތް އަދި ސްވިޓްޒަލޭންޑްގައި ވެސް ދަނީ ކިޔަވާކުދިން އިސްނަގައިގެން ކުރިއަށްގެންދާ އެ ހިނގާލުންތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ހިނގާލުންތަކެއް ކުރިއަށްގެންދަމުންނެވެ.

ހިނގާލުންތައް ރޭވި ކިޔަވާކުދިން ދަނީ އެމެރިކާގެ ބަޑި ގެންގުޅުމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހިފައިވާކަމަށް މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެމެރިކާގެ ފްލޮރިޑާގެ ހައި ސްކޫލަކަށް ބަޑިއެއް ހިފައިގެން އެ ސްކޫލުގެ ކުރީގެ ކިޔަވާކުއްޖަކު ވަދެ 17 މީހުން މަރާލި ހަމަލާއަށްފަހު ބުނަމުންނެވެ. ހިނގާލުންތަކަކީ އެ ހަމަލާއާއި ގުޅިގެން ބޭއްވުނު ހިނގާލުންތަކެއްކަމަށް ހިނގާލުންތައް ރޭވި ފަރާތްތަކުން މައުލޫމާތު ދޭއިރު އެފަދަ 800 އެއްހާ ހިނގާލުން އެމެރިކާގެ އެކި އެކި ރަށްރަށުގައި ކުރިއަށްދާނެކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ހިނގާލުންތަކުގެ ތެރެއިން އެންމެ ބޮޑު ހިނގާލުން އޮންނާނީ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީގައިކަމަށް މައުލޫމާތު ލިބެއެވެ. އެހިނގާލުމުގައި ބައި މިލިއަނެއްހާ މީހުން ބައިވެރިވާނޭކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާގައި ބަޑި ބޭނުންކޮށްގެން ދެވެމުންދާ އެކި އެކި ހަމަލާތަކުގެ ސަބަބުން އެމެރިކާގެ އާންމުންގެ އެތައް ބަޔަކު ވަނީ ބަޑި ގެންގުޅުމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭކަމަށް ދެކި އެކަމަށްޓަކައި އަޑުއުފުލަމުންނެވެ. އެހެންނަމަވެސް އެމެރިކާގެ ސަރުކާރުގެ ބައެއް އިސް ވެރިންގެ އިތުރުން އެމެރިކާގެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ އިސްވެރިން ވެސް ތިބީ ބަޑި ގެންގުޅުމުގެ ގާނޫނަށް އިސްލާހު ގެންނަ ފަދަ ވިސްނުމެއްގައި ނޫންކަމަށް ވަނީ ބެލެވިފައެވެ.