ފަލަސްތީނުގެ ދިފާއުގައި ނައިޖީރިޔާގައި ބައިނަލް އަގުވާމީ ގުދުސް ދުވަސް ފާހަގަ ކުރުމަށް ބޭއްވި މުޒާހަރާގެ ތެރެއަށް ފުލުހުން ހަމަލާދީ އެތަށް ބަޔަކު ޒަހަމް ކޮށްލައިފިއެވެ.

ބައިނަލްއަގުވާމީ ގުދުސް ދުވަހަކީ ފަލަސްތީނާއި އެކު މުސްލިމުން ތިބި ކަން ހާމަ ކުރުމަށް ކޮންމެ ރަމަޞާން މަހެއްގެ އެންމެ ފަހު ހުކުރު ދުވަހެއްގައި މުސްލިމުން ފާހަގަ ކުރާ ދުވަހެކެވެ.

ފަލަސްތީނުގެ ދިދަތަކާއި އެކު ނައިޖީރިޔާގައި އެގައުމުގެ ރައްތިޔުން މަގުތަކަށް ނިކުމެ ފަލަސްތީނު މިނިވަންކޮށް އިސްރާއީލުން ފަލަސްތީނުގެ މައްޗަށް އަތްގަދަ ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެއުމަށް އަޑު އުފުލަމުން ދަނިކޮށް ނައިޖީރިޔާގެ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީ އެތަށް ބަޔަކު ހައްޔަރު ކޮށްފައެވެ.

މުސްލިމުންގެ ބޮޑު އާބާދީ އެއް އޮންނަ ނައިޖީރިޔާގައި މުޒާހަރާކުރި އިރު އިއްޔެ ހުކުރު ނަމާދަށް ފަހު އީރާނުގައި ވެސް މި ދުވަސް ފާހަގަ ކުރުމަށް އެއް މިލިއަނަށް ވުރެން ގިނަ މީހުން މަގުތަކަށް ނިކުމެފައިވެއެވެ.

ނައިޖީރިޔާގައި ބޭއްވި މުޒާހަރާ އަށް ފުލުހުން ހަމަލާދިން އިރު ފަލަސްތީނުގެ ބިންތަށް ފޭރިގަނެ އިސްރާއީލުން އެމީހުންގެ އަމިއްލަ ދައުލަތެއް ގާއިމު ކުރިތާ 71 އަހަރު ފުރުމާއި ދިމާކޮށް "ނަކްބާ ދުވަސް" ފާހަގަ ކުރަން ފަލަަސްތީނުގެ ރައްޔިތުން ދާދި ފަހުން ވަނީ ބޮޑު މުޒާހަރާއެއް ބާއްވާފައެވެ. މި މުޒާހަރާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ކުރިއަށް ދިޔައެވެ.

ފަލަސްތީނުގެ ބިން އިސްރާއީލުން ގަދަކަމުން ފޭރިގަތް ދުވަހު، އިސްރާއީލްގެ 750,000 މީހުންނަށްވުރެ ގިނަ މީހުން އަމިއްޒަ ވަޒަން ދޫކޮށް ދިއުމަށްވަނީ މަޖުބޫރުކޮށްފައެވެ.