އިންތިޚާބުގެ ހުރިހާ ވޯޓުތައް ގުނިފާވާއިރު 775,000 ވޯޓުން އަދި މިހާތަނަށް ކުރީގައި އޮތީ އިދިކޮޅު ޕާޓީއިން ކުރިމަތިލެއްވި އެކްރަމް އިމާމްގޯލޫއެވެ. މިއީ އޭނާއަށް ފުރަތަމަ ބުރުގައި ލިބުނު ވޯޓަށްވުރެ 13،0000 ވޯޓު އިތުރު ޢަދަދެކެވެ. މާޗު މަހު ބޭއްވުނު މިބުރުގެ ނަތީޖާ ބާޠިލް ކުރެވުނީ ޢުރުދުޣާންގެ ޕާޓީއިން އިންތިޚާބު ކުރިއަށް ދިޔަގޮތާއި މެދު ހިތްހަމަނުޖެހޭ ކަމަށްބުނެ ކުރި ތުހުމަތުތަކަކާއި ގުޅިގެންނެވެ.

މި ނަތީޖާއާއިއެކު 25 އަހަރުވަންދެން އިސްތަންބޫލުގެ މައްޗަށް އޮތް ބާރު އޭކޭޕީގެ އަތްދަށުން ބީވެގެންދާނެއެވެ. މި އިންތިޚާބު ކާމިޔާބުކުރުމުގެ މުހިންމުކަން ހާމަކުރައްވާ ޢުރުދުޣާން ވިދާޅުވެފައިވަނީ "އިސްތަންބޫލު ކާމިޔާބު ކުރާމީހަކު ތުރުކީ ކާމިޔާބުކޮށްފިކަމުގައެވެ".

ތުރުކީގެ އެންމެ ބޮޑު ސިޓީގައި ބޭއްވުނު މިއިންތިޚާބުގެ ނަތީޖާއަށްބަލާ އަންނަ ރިޔާސީ އިންތިޚާބު ޢުރުދުޣާންގެ ޕާޓީއަށް ކާމިޔާބު ކުރެވޭނެ ކަމާއިމެދު ދިރާސާކުރާފަރާތްތަކުންވަނީ ސުވާލު އުފައްދާފައެވެ. ޢުރުދުޣާންއަށް އިސްތަންބޫލް މުހިންމުވާ އަނެއް ސަބަބަކީ ޚުދު އެމަނީކުފާނު އެ ސިޓީގެ މޭޔަރުކަން ކުރައްވާފައިވުމެވެ. އެގޮތުން އެމަނިކުފާނު ވަނީ 198-1994 އަށް އިސްތަންބޫލުގެ މޭޔަރަކަށް ހުންނަވާފައެވެ.

މިނަތީޖާއާއިއެކު މިހާތަނަށް އިދިކޮޅު ފަރާތްތަކަށް ވަނީ އިސްތަންބޫލް، އިޒްމީރު އަދި މީގެ އިތުރުން އަންކާރާގައި ބޭއްވުނު އިންތިޚާބުތަކުން ކާމިޔާބީ ލިބިފައެވެ. ޢުރުދުޣާންވަނީ އިންތިޚާބުގައި ކާމިޔާބުވި އިމާމްގޯލޫއަށް ތަހުނީޔާ ކިޔުއްވާޓްވީޓްކުރައްވާފައެވެ. ޢުރުދުޣާންއަކީ 2003 ވަނަ އަހަރުން ފެށިގެން ތުރުކީގެ ބޮޑުވަޒީރުކަން ކުރައްވައި އަދި ފަހުން ރައީސް ކަން ކުރައްވާފައެވެ. އެހެންކަމުން މުޞްތަފާ ކަމާލް އަތާތުރުކު އަށްފަހު ތުރުކީގެ އެންމެ ބާރުގަދަ ރައީސަކަށް ވެވަޑައިގެންފައިވަނީ އެމަނިކުފާނެވެ.