މި އަހަރުގެ މޭމަހު ސައުދީ އަރަބިޔާއިން ހިފެހެއްޓި އީރާނުގެ ތެޔޮ ޓޭންކަރު ދޫކޮށްލައިފިއެވެ.

ސައުދީން އީރާނުގެ ތެޔޮ ޓޭންކަރު "ހެޕިނެސް 1" ހިފެއްހެއްޓީ އިންޖީނަށް ދިމާވި މައްސަލައަކުން ޖިއްދާގެ ވަދަރަކަށް މަރާމާތަށް ދިޔުމުންނެވެ.

ސައުދީން މި އުޅަނދު ހިފެހެއްޓި ކަމަށް ބުނާ ވާހަކަ ދޮގު ކުރަމުން ބުނީ މި އުޅަނދު އެހީއަށް އެދުމުން އެހީ ފޯރުކޮށްފައިވާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާއިން ހިފެހެއްޓި އީރާނުގެ ތެޔޮ ޓޭންކަރެއް ދޫކޮށްލާފައިވާއިރު މީގެ ދެ ދުވަސް ކުރިން ޕާސިއަން ގަލްފުން އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް އީރާނުން ވަނީ ހިފަހައްޓާފައެވެ.

އިނގިރޭސިވިލާތުގެ ދިދަ ޖަހައިގެން ހޮރުމޫޒު ކަނޑުއޮޅިން ދަތުރު ކުރަމުން ދަނިކޮށް ސްޓެނާ އިމްޕޭރޯ ނަމަކަށް ކިއާ ޓޭންކަރު ހިފަހައްޓަން ޖެހުނީ ކަނޑުމަތީގެ އެކްސިޑެންޓަކާ ގުޅިގެން ކަމަށް އީރާނުގެ މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުން ބުނީ ސްޓެނާ އިމްޕޭރޯއަކީ ސައުދީ އަރަބިއްޔާއަށް ދަތުރުކުރަމުން ދިޔަ ޓޭންކަރެއް ކަމަށާ، ހޮރުމޫޒު ކަނޑުއޮޅިއާ ހިސާބުން ބޯޓުގެ ދަތުރު މިސްރާބު ކުއްލިއަކަށް ބަދަލުވިތަން ފެނިގެންދިޔަ ކަމަށެވެ.