ޗައިނާގެ ޝެންގްހާއީގެ ޖައްވުގައި ޑްރޯން އާއި ކޮތަރު އުުދިއްސުން އެ ގައުމުން މަނާކޮށްފިއެވެ.

އެ ގައުމުގެ 70 ވަނަ އަހަރީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. ޗައިނާ އިން އުދުހުންތައް މަނާކޮށްފައި ވަނީ އަހަރީ ދުވަހު އޮންނަ ޙާއްސަ މިލިޓަރީ ޕެރޭޑަށާއި އެހެނިހެން ހަރަކާތްތަކަށް ތައްޔާރު ވުމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު މަތިންދާބޯޓު ތަކުގެ ރައްކާތެރި ކަމަށްޓަކައި ހާއްސަ ފިޔަވަޅެއް އެޅުމުގެ ގޮތުންނެވެ.

ޗައިނާގައި ކޮތަރު އުދުއްސުމަކީ އެ ގައުމުގެ ރައްޔިތުންގެ ހޮބީ އެކެވެ. ވެރިރަށް ބެއިޖިންގް ގެ ވަރަށް ގިނަ އާއިލާ ތަކުން އެމީހުންގެ ގެތަކުގެ މަތީގައި ކޮތަރު ގެންގުޅެއެވެ.

ޗައިނާގައި ވެރިކަން ކުރާ ޕާޓީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ތައްޔާރީތައް ހަލުއި ބާރުމިނެއްގައި ކުރިއަށް ގެންދާއިރު، މިލިޓަރީ ޖެޓުތަކާއި، ޓޭންކަރުތައް އަދި މިނޫންވެސް ސަލާމަތީ އުޅަނދުތައް ފަރިތަކުރުންތައް ކުރިއަށް ގެންދާ ސަރަހައްދުން ފެނިގެން ގޮސްފައިވެއެވެ. އޮކްޓޯބަރު އެއްވަނަ ދުވަހު ބާއްވާ މި ހަރަކާތްތަކުގައި އެއް ލައްކަ އެއްހާ މީހުން ބައިވެރިވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

އަހަރީ ދުވަހުގެ އުފާ ފާޅުކުރުން ތަކުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިއްމު ރަސްމީ ޕެރޭޑާއި ފެސްޓިވަލްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ބެއިޖިންގެ 'ޓިއަނަންމެން' މައިދާނުގައެވެ. ޗައިނާ އިން އެ ގައުމުގެ އަހަރީ ދުވަސް ފާހަގަ ކުރަނީ ދާޙިލީ ހަނގުރާމައެއްގެ ތެރޭގައި 'ޗިއަންގް ކައި-ޝެކް' ގެ ފައުޖުތައް ބަލިވި ދުވަހަށް ނިސްބަތްކޮށެވެ. ހަނގުރާމައިން ބަލިވުމުން 'ނޭޝަނަލިސްޓުން' ވަނީ ޗައިނާ އިން ފޭބުމަށްފަހު ކައިރީގައި އޮތް ޓައިވާނަށް ގޮސް އާ ސަރުކާރެއް އެކުލަވާފެއެވެ.

ކޮތަރާއި، ޑްރޯންގެ އިތުރަށް ބެއިޖިންގްގެ 16 އަވަށެއްގައި ގުޑި އުދިއްސުންވެސް މިހާރު އޮތީ މަނާކޮށްފައެވެ. ޗައިނާގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ މިހާރުގެ ރައީސް، ޝީ ޖިންޕިންގް ބައިވެރިވެ، ޙާއްސަ ތަޤުރީރެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ. ޗައިނާ އިން މީގެ ކުރިން މިހާ ބޮޑު މިލިޓަރީ ޕެރޭޑެއް ބާއްވާފައިވަނީ 2 ވަނަ ބޮޑު ހަނގުރާމަ ނިމުނުތާ 70 އަހަރުވުން ފާހަގަކުރުމުގެ ގޮތުން 2015 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު