އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 5.2ގެ ބާރުމިނުގައި އެޤައުމުގެ ލެމްޕަންގް ޕްރޮވިންސްގެ ބިހާ ނަމަކަށްކިޔާ އަވަށެއްގެ އައްސޭރިން 134 ކިލޯމީޓަރު ދުރުންނެވެ.

އިންޑޮނޭޝިއާގެ ކަމާއިބެހޭ އިދާރާތަކުން ބުނިގޮތުގައި އެޤައުމުގެ ގަޑިން މިއަދު ހަވީރު 16:04 ގައި އައި މި ބިންހެލުން އައިސްފައި ވަނީ، ބިމުގެ 33.6 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމުގެ ސަބަބުން ސުނާމީއެއްގެ އިންޒާރު މިހާތަނަށް ނެރެފައި ނުވާއިރު، ބިންހެލުމުގައި އެއްވެސް މީހަކަށް ނުވަތަ ތަނަކަށްވެސް ގެއްލުމެއް ލިބުނު ކަމެއް ނޭނގެއެވެ. ނަމަވެސް ބިންހެލުން އައި ވަގުތު ބިހާގެ އައްސޭރީގެ ސަރަޙައްދުތަކަށް ލޮޅުންތައް އައިސްފައިވާ ކަމަށް ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

އިންޑޮނޭޝިއާ ހިމެނޭ ސަރަޙައްދަކީ ބާރުގަދަ ބިންހެލުންތައް ޢާންމުކޮށް އަންނަ ސަރަޙައްދަކަށް ވާއިރު، ކުރިއަށް އޮތްތަނުގައި އެ ސަރަޙައްދަށް ބާރުގަދަ ބިންހެލުންތައް އައުމުގެ ފުރުސަތު އޮތްކަމަށް ސައިންސްވެރިން ބުނެއެވެ.

2004 ވަނަ އަހަރު އިންޑޮނޭޝިއާއަށް އައި އެފަދަ ބާރުގަދަ ބިންހެލުމުގައިވެސް އެޤައުމުގެ އެތައް ހާސް ބަޔަކު މަރުވިއިރު، ބިންހެލުމަށްފަހު އެރި ސުނާމީއެއްގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ސަރަޙައްދުގެ އެކި ޤައުމުތަކުން ގިނަ ޢަދަދެއްގެ މީހުން ވަނީ މަރުވެފައެވެ.