ތުރުކީއިން ސީރިޔާއަށް ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ވާހަކަދެއްކި ބަޔަކު ހައްޔަރުކޮށްފިއެެވެ.

ތުރުކީގެ އިންޓީރިޔާ މިނިސްޓަރ ބުނެފައިވަނީ، ސީރިޔާގައި އެގައުމުން ހިންގަމުންދާ މިލިޓަރީ އޮޕަރޭޝަން ތަކާއި ދެކޮޅަށް މީސް މީޑީޔާގައި ވާހަކަދެއްކި 121 މީހަކު މިހާތަނަށް ހައްޔަރުކުރެވިފައި ވާކަމަށެވެ. މީގެ އިތުރުން، ތުރުކީއަކީ "ހަނގުރާމަވެރި ގައުމެއް" ކަމަށް ބުނެފައިވާ 500 އަށްވުރެ ގިނަ މީހުންގެ މައްސަލަވެސް ގެންދަނީ ބަލަމުންނެވެ.

ތުރުކީއިން ފަރާފައިވާ އަސްކަރީ އޮޕަރޭޝަންގައި މިހާތަނަށް ވަނީ 342 އަށްވުރެ ގިނަ މީހުން ސީރިޔާއިން މަރާލާފައެވެ.

މި މައްސަލާގައި އދ.ގެ ސަލާމަތާއި ބެހޭ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަަށް ސީރިޔާއިން ވަނީ ގޮވާލާފައެވެ.

ތުރުކީ އަކީ މީސް މީޑިއާ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފަ އޮންނަ ގައުމެކެވެ. އެގައުމުން މީގެ ކުރިން ވެސް ވަނީ މީސް މީޑިއާގައި ފާޅުކޮށްފައިވާ ހިޔާލުތަކުގެ ސަބަބުން ބައެއް މީހުން ހައްޔަރުކޮށް އަދަބު ދީފައެވެ.

ތުރުކީ އިން މިހާރު ސީރިއާގައި ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަނަކީ ކުރުދީ ހަނގުރާމަވެރިންނާއި ދެކޮޅަށް ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަނަކެވެ. ތުރުކީގައި ވެސް ކުރުދީން ދިރިއުޅެއެވެ. ނަމަވެސް ތުރުކީ ސަރުކާރާއި ދެކޮޅަށް އަޑުއުފުލައިގެން މިހާރު ހައްޔަރުކޮށްފައި ވަނީ ކުރުދީން ކަމެއް ތުރުކީ ސަރުކާރުން ކަށަވަރުކޮށެއް ނުދެއެވެ.