ޖަޕާނަށް މިހާރު ކުރަމުންދާ ވިއްސާރާގައި ތޫފާން "ހަގިބިސް"ގެ ސަބަބުން 19 މީހުން މަރުވެ 16 މީހަކު ގެއްލިއްޖެއެވެ.

ޖަޕާނޫގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ ތޫފާން "ހަގިބިސް" އަރާފައިވަނީ ޖަޕާނުގެ އިރުއުތުރުގެ ރަަށްތަކަށް ކަމަށެވެ. އެގޮތުން ޗީބާ، ގުމްނާ، ކަނަގަވަ އަދި ފުކުޝިމާ ހިމެނެއެވެ. މި ހާދިސާގައި މިހާތަނަށް 150 މީހުންނަށް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމަށް އެއިދާރާއިން ބުންޏެވެ.

އެ އިދާރާއިން ބުނެފައިވާގޮތުގައި، އެ ތޫފާނުގެ ސަބަބުން ކުރަމުންދާ ވިއްސާރާގައި ބައެއް ސަރަހައްދުތަކުގައިވ 5 މީޓަރަށް ފެންބޮޑުވެފައި އެވެ. މި ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކުން ސަލާމަތް ކުރުމުގައި ކަމާބެހޭ ފަރާތްތަކުން މިހާރު ލޯންޗް ތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާގައި އެތައް ބައެއް ދިރިއުޅެމުންދާ ގެތަށް ހަލާކުވެގެން ގޮސްފައިވާ އިރު ރޭލު ދުއްވާ ބްރިޖްތައްވެސް ވަނީ ހަލާކުވެގެން ގޮސްފައެވެ. އެހެން ކަމުން ރޭލު ދަތުރު ތަކާއި ފްލައިޓް ދަތުރުތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ މިއީ ފާއިތުވެގެން ދިޔަ 60 އަހަރުތެރޭގައި ޖަޕާނަށް އަރާފައިވާ އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާތެރި ތޫފާނެ ކަމަށެވެ.

ބައެއް ހިސާބުތަކަށް 939.5 މިލިމީޓަރުގެ ވާރޭ ފާއިތުވި 24 ގަޑި އިރު ތެރޭ ވެހިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ތޫފާން "ހަގިބިސް"ގެ ސަބަބުން ޖަޕާނުގެ ގިނަ ރަށްތަކަށް ވަނީ މިހާރު އިންޒާރު ނެރެފައެވެ. އަދި ބައެއް ފަރާތްތަކުން ސަލާމަތީ ހިސާބުތަކަށް ބަދަލުވުމަށްވެސް ވަނީ އަންގާފައެވެ.