އަވައްޓެރި ސްރީލަންކާގައި އަގުބޮޑުކޮށް ފުށް ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެޤައުމުގެ ކޮންޒިއުމާ އެފެއާޒް އޮތޯރިޓީ (ސީއޭއޭ) އިން ނިންމައިފިއެވެ.

ސީއޭއޭގެ ފަރާތުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭ ލަންކާގައި ފުށް ވިއްކާ ގިނަ އަދަދެއްގެ ތަންތަނަށް ރޭޑްކޮށްފައި ވާއިރު، އަގުބޮޑުކޮށް ފުށް ވިއްކަމުން ދިޔަ 27 ފަރާތެއްގެ މައްސަލަ ދަނީ ބަލަމުންނެވެ.

އެ އޮތޯރިޓީން ބުނެފައިވާ ގޮތުގައި މި 27 ފަރާތާއި މެދު އެޤައުމުގެ ޤާނޫނާއި އެއްގޮތަށް އަދަބު ދިނުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ލަންކާގެ ސީއޭއޭ އިން ބުނެފައިވާ ގޮތުގައި، އެއްވެސް ކުންފުންޏަކަށް އެޤައުމުގައި ކަނޑައެޅިފައިވާ ވަކި ޚާއްސަ އަގުތަކަށްވުރެ ބޮޑު އަގުގައި ފުށް ވިއްކުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

މީގެ ކުރިންވެސް އެ އޮތޯރިޓީން ވަނީ ޤަވާއިދާ ޚިލާފަށް ލަންކާގައި އަގުބޮޑުކޮށް ފުށް ވިއްކަމުން ދިޔަ 400 އަށްވުރެ ގިނަ ފަރާތަކާއި މެދު ފިޔަވަޅު އަޅާފައެވެ.