އެމެރިކާއިން އިސްވެއޮވެ ސީރިއާއަށް ދިން ހަމަލާތަކަށް ތުރުކީން އަދި އިސްރާއީލުން ތާާއީދު ކޮށްފިއެވެ.

މި ހަމަލާތަކަށް ތާއީދުކޮށް ތުރުކީން ބުނެފައިވަނީ މިހަމަލާތަކަކީ ސީރިއާގެ ރައީސް ބައްޝާރުގެ ސަރުކާރުން ދިން ކެމިލް ހަމަލާއަށް ދިން ރަނގަޅު ޖަވާބެއް ކަމަށާއި މި ހަމަލާ ދިން މީހުންނަށް އަދަބު ނުދީ ދޫ ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް މީގެ ކުރިން ތުރުކީގެ ޑިފެންސް މިނިސްޓަރު ނުރެތީން ކަނެކްލީ ވިދާޅުވީ ފަރަންސޭސި ސިފައިން ސީރިއާއަށް ފޮނުވުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

"ފްރާންސްގެ ސިފައިން ސީރިއާގެ އުތުރަށް ފޮނުވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފުކަމެއް. ހަގީގަތުގައި އެއީ ގައުމަކަށް އަރައިގަތުން. ހާއްސަކޮށް ޓެރެރިސްޓް ޖަމާއަތްތަކަށް އެހީވުމަކީ ތޫފާނެއް އައުން ފަދަ ކަމެއް." ނުރެތީން ވިދާޅުވިއެވެ.

ސީރިއާގެ ދައުލަތުގެ ޓީވީއިން ބުނެފައިވަނީ އެމެރިކާ އަދި ގުޅިފައިވާ ގައުމު ތަކުން ފޮނުވާލި 110 މިސައިލުގެ ތެރެއިން ގިނަ މިސައިލް ސީރިއާގެ ސިފައިން އޭއާ ޑިފެސް ސިސްޓަމުގެ އެހީގައި ވައްޓާލާފައިވާ ކަމަށެވެ.

ސީރިޔާ މީޑިއާތަކުން ވަނީ އެ ޤައުމުގެ ވެރިރަށް ދިމިޝްގުން ގޮވުންތަކެއްގެ އަޑުއިވިފައިވާކަން ރިޕޯޓްކޮށްފައެވެ. އަދި އެމެރިކާގެ ޖާސޫސީ އިދާރާ ޕެންޓަގަންއަށް މައުލޫމާތު ދެމުން އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ޗެއާމަން، ޖެނެރަލް ޖޯސެފް ޑަންފޯޑް ބުނެފައިވަނީ މި ހަމަލާގައި ސީރިއާގެ ތިން އަމާޒަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.

ހަމަލާ އަމާޒުވި އެއްތަނަކީ ދިމިޝްގުގައި ހުރި ސައިންޓިފިކް ރިސާޗް ފެސިލިޓީއެއް ކަމަށްވާއިރު އެމެރިކާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އެތަނަކީ ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމާއި ގުޅުންއޮތް ތަނެކެވެ. ހަމަލާ ދިން ދެވަނަ ތަނަކީ ސީރިއާގެ ހޮމްސްގައި ހުންނަ ކެމިކަލް ހަތިޔާރު ރައްކާކުރާ ގުދަނެކެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއާއި އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭވެސްވަނީ ހަމަލާތަކުގައި އެ ގައުމުތަކުން ބައިވެރިވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެމެރިކާ އަދި ގުޅިފައިވާ ގައުމު ތަކުން ސީރިއާއަށް ހަމަލާދެމުން ދާއިރު ރަޝިއާއިން، އެމެރިކާގައި ހުންނަވާ އެގައުމުގެ ސަފީރު މެދުވެރިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "މި ހަމަލާތަކަށް ރައްދެއް ނުދީ ދޫކޮށް ނުލާނެ" ކަމަށެވެ.

އެމެރިކާ އިސްވެ އޮވެ ހަމަލާ ދޭން މިފެށީ ސީރިޔާގައި ދިން ކެމިކަލް ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭ ހަމަލާގެ ރައްދުގައި އަސްކަރީ ފިޔަވަޅެއް ނޭޅުމަށް ރަޝިއާއިން އެމެރިކާގެ ކިބައިން އެދިފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސީރިއާގައި މިހާރު 3ވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ކޮޅުމަތި ފެންނަންފެށީ ދޮތަ؟؟؟

  2. ސީރިޔާއަށް ޙަމަލާދޭން އެމެރިކާ ގަސްތުކުރި ވަރަކަށް ނޫން ޙަމަލާ އެ ދިނީކީ އެއީ ދެން މުސްކުޅިބެ ޓްރަމްޕް އަށް އެހެންބުނީމާ ހުވާ ތެދުކުރުމުގެ ގޮތުން ދިން ޙަމަލާ އެއް. މިހާރު އެބުނަނީ އިތުރަށް ޙަމަލާދޭން ރޭވިފައިނެތްވާހަކަ. މިހާރު ސީރިޔާގެ ހުރިހާ ކެމިކަލް އުފައްދާ ތަންތަން ހަލާކުކޮށްލެވުނީތޯ؟ ނުލެވޭ. އެހެންކަމުން މިކަމުންވެސް އެނގިގެން ދަނީ ކެމިކަލް ޙަމަލާ އެއީ އެމެރިކާ އާއި އެމީހުންގެ ބައިވެރިން ކުޅުނު ޑްރާމާއެކޭ. އެހެންކަމުން ތިންވަނަ ބޮޑުހަނގުރާމައެއް ފެށުމުގެ ފުރުސަތެއް އަދި ނެތް އެއަށްވުރެ މުސްކުޅިބެ މާ ފިނޑި.