އިނގިރޭސި ވިލާތުގެ ރާނީ، ކުއީން އެލިޒަބަތްގެ މީސްމީޑިއާ އެކައުންޓުތައް ބަލަހައްޓާނެ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

އުމުރުން 93 އަހަރުގެ ރާނީ، "ހެޑް އޮފް ޑިޖިޓަލް އެންގޭޖްމަންޓު" ގެ މަގާމަށް ހޯދަން އިއުލާންކޮށްފައިވަނީ އެކަމަނާގެ ލިންކްޑް އިން އެކައުންޓުގައެވެ. މި މަގާމުގެ ދަށުން އިނގިރޭސި ޝާހީ އާއިލާގެ ހުރިހާ މީސްމީޑިއާ އެކައުންޓުތަކެއް ބަލަހައްޓަން ޖެހެއެވެ. ޓްވިޓަރ އެކައުންޓުތަކާއި އިންސްޓަގްރާމް އެކައުންޓުތައް ވެސް ހިމެނޭ ގޮތަށެވެ.

ލިންކްޑްއިން ގައި ކޮށްފައިވާ އެ އިއުލާނުގައިވާ ގޮތުގައި މުސާރައިގެ ގޮތުގައި އަހަރަކު އެއް މިލިއަން ރުފިޔާ (66،624.99 ޑޮލަރު) ލިބޭނެ އެވެ. އެއީ މަހެއްގެ މައްޗަށް ބަލާ ނަމަ 85،613 ރުފިޔާ (5،552 ޑޮލަރު) އެވެ.

މި މަގާމަށް ޝަރުތު ފުރިހަމަވެ ވަޒީފާ ލިބިއްޖެ ނަމަ އެމީހަކު މަސައްކަތް ކުރަން ޖެހޭނީ އެގައުމުގެ ޝާހީ ގަނޑުވަރުގައެވެ.

އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ ފޭސްބުކް ޕޭޖުގައި 4.9 މިލިއަން ފޮލޮވަރސް ތިބޭ އިރު ޓްވިޓާގައި 4.1 މިލިއަން މީހުން ތިބެ އެވެ. އަދި އިންސްޓަގްރާމުގައި 6.9 މިލިއަން މީހުން ފޮލޯ ކުރެއެވެ.