ރަޝިޔާގެ ސަރުކާރު އިސްތިއުފާ ދީފިއެވެ.

އެ ގައުމުގެ ސަރުކާރު އިސްތިއުފާ ދެއްވިކަން ހާމަކޮށްފައި ވަނީ އެ ގައުމުގެ ބޮޑުވަޒީރު ޑިމިތްރީ މެދްވެދެވް އެވެ.

ޑިމިތްރީ ވިދާޅުވެފައި ވަނީ އެ ގައުމުގެ ސަރުކާރު އިސްތިއުފާ ދެއްވިކަން ރައީސް ވްލަޑިމިރް ޕޫޓިން އަށް އަންގާފައިވާނެ ކަމަށާއި އަދި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ރައީސް ކުރައްވާނެ ކަމަށެވެ.

ރަޝިޔާގެ ސަރުކާރު އެކީ އިސްތިއުފާ ދެއްވާފައި މިވަނީ ޕޫޓިން ގައުމާއި މުހާތަބުކޮށް ވާހަކަ ދެއްކެވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.

ސަރުކާރު މިނިސްޓަރުންގެ އިސްތިއުފާ ޕޫޓިން ގަބޫލު ކުރައްވާފައި ވީ ނަމަވެސް، ޕޫޓިން ވަނީ އައު ސަރުކާރެއް އެކުލަވާލުމާއި ހަމައަށް މިހާރުގެ މިނިސްޓަރުން ސަރުކާރުގެ އެހީތެރިންގެ ގޮތުގައި ދެމި ތިބުމަށް އެދިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ސަރުކާރު އިސްތިއުފާ ދެއްވީ ޕޫޓިން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

ޕޫޓިންގެ ދައުރު 2024ށް ހަމަވާ އިރުގައި މިއަދު ޕޫޓިން ދެއްކި ވާހަކަތަކުގައި އޭނާ ވަނީ ދެން އެ ގައުމުގެ ރައީސް ކަމާއި ހަވާލުވާ ބޭފުޅަކަށް ލިބޭ ބާރުތައް ކުޑަ ކުރަން ނިންމާފައެވެ. މިގޮތުން ދެން ރައީސަކަށް ހޮވޭ ބޭފުޅަކަށް އެންމެ ގިނަވެގެންވެސް އަދާ ކުރެވޭނީ 2 ދައުރު ކަމަށް ޕޫޓިން ބުނި ނަމަވެސް 2000ވަނަ އަހަރުން 2008 ހަމައަށް އަދި 2012 ވަނަ އަހަރުން ފެށިގެން ރަޝިޔާގެ ރައީސްކަން ކުރައްވަމުން އަންނަނީ ޕޫޓިންކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ޕޫޓިން ވަނީ އޭނާގެ ރައީސްކަމުގެ ދައުރު ހަމަވުމުން، މަޖިލީހުގެ ތެރެއިން އޭނާ އަށް ބޮޑުވަޒީރުކަމުގެ މަގާމަށް އާދެވޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރައްވާފައި ވާކަން ނުސީދާ ގޮތަކަށް ހާމަކޮށްފައެވެ. އަދި ދެން ރައީސް ކަމަށް ހަވާލުވާ ބޭފުޅަކަށް މިނިސްޓަރުން އައްޔަން ކުރުމުގެ ބާރުވެސް ނުލިބޭއިރު، އެކަންވެސް ކުރެވޭނީ މަޖިލީހުގެ ތެރެއިން ކަމަށް ޕޫޓިން ވަނީ ވިދާޅުވެފައެވެ.

ބެލެވޭގޮތުގައި ޕޫޓިންގެ ސަރުކާރު އިސްތިއުފާ ދެއްވީ ޕޫޓިންގެ މި ނިންމުންތަކާއި ދެކޮޅު ހެއްދެވުމުގެ ގޮތުންނެވެ. އެއީ ޕޫޓިންގެ ދައުރު ހަމަވުމުންވެސް ޕޫޓިން އެ ގައުމުގެ އޭނާގެ ބާރުގެ ދަށުގައި ބާއްވަން ބޭނުން ވާތީއެވެ.

ރަޝީޔާ އަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރެއިން އެއް ބާރެވެ. އަދި އެ ގައުމުގެ ރައީސް ޕޫޓިން އަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައިވެސް ހިމެނިވަޑައި ގަންނަވާ ބޭފުޅެކެވެ.