ކޮވިޑް-19 އާ ދެކޮޅަށް އިޓަލީގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ތެރެއިން، މަރުވި ޑޮކްޓަރުންގެ އަދަދު 61 އަށް އަރައިފި އެވެ.

އިޓަލިއަން އެސޯސިއޭޝަން އޮފް ޑޮކްޓާސްއާ ހަވާލާދީސީއެންއެންއިން ރިޕޯޓްކޮށްފައިވާގޮތުގައި، މި ހުރިހާ ޑޮކްޓަރުންވެސް މަރުވެފައި ވަނީ ކޮވިޑް-19 ޖެހިގެންނެވެ.

އިޓަލިއަން އިންސްޓިޓިއުޓް އޮފް ހެލްތުން ބުނެފައިވާގޮތުގައި، އެ ގައުމުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުންދާ 8358 މީހަކު ވަނީ މި ވައިރަހަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

މަރުވި ޑޮކްޓަރުންގެ ތެރެއިން 40 ޑޮކްޓަރުންނަކީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ އިޓަލީގެ ލޮމްބާޑީ ސިޓީގެ އެކި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނެވެ.

ކޮވިޑް-19 ޖެހިގެން އެންމެ ގިނަބަޔަކު މަރުވާމުންދާ އެއް ގައުމަކީ އިޓަލީއެވެ. އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ10,779 އަށް އަރާފައެވެ. އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު 97,689އަށް އަރާއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 13,030އެވެ.

ކިޔުންތެރިންގެ ހިޔާލު