ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ ބޮޑުވެ، ޗައިނާގެ ސިޓީއެއް ފުރަބަންދު ކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ފުރަބަންދުކޮށްފައި ވަނީ އެޤައުމާއި ރަޝިޔާ ގުޅޭ ބޯޑަރު ސަރަޙައްދުގައި އޮންނަ ސުއިފެންހޭ ނަމަކަށްކިޔާ ސިޓީ އެކެވެ. އެ ސިޓީ ފުރަބަންދުކޮށް، އާންމުން ބޭރަށް ނުނިކުތުމަށް މިހާރު އަންގާފައި ވާއިރު، މި ނިންމުން ނިންމާފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އެ ސިޓީން ކޮވިޑް-19 ގެ އާ ކޭސްތަކެއް ފެންމަތިވުމާއި ގުޅިގެންނެވެ.

ޗައިނާގެ ބައެއް ނޫސްތަކުގައި މިކަމާއި ގުޅޭގޮތުން ބުނެފައިވާ ގޮތުގައި، އެ ސިޓީން މިދިޔަ އަންގާރަ ދުވަހު 25 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއީ ފާއިތުވެދިޔަ ދުވަސްތަކާއި އަޅާބަލާއިރު އެ ސިޓީން އެންމެ ގިނަ އަދަދަކަށް މީހުން މި ވައިރަސް އަށް ފައްސިވި ފަހަރު ކަމަށް ވެއެވެ.

މިކަމާއި ގުޅިގެން އެ ސިޓީ އޮންނަ ޕްރޮވިންސުގެ، ޕްރޮވިންޝިއަލް އޮފީހުގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، އެ ސިޓީގައި ވައިރަސް ފެތުރެމުން ދަނީ ރަޝިޔާ ބޯޑަރުން އެތެރެވާ މީހުންގެ ފަރާތުން ކަމަށެވެ.

ރަޝިޔާ އިން މި ސިޓީ މެދުވެރިކޮށް ޗައިނާއަށް އެތެރެވާ މީހުންގެ ތެރެއިން ގިނަ ބަޔަކު ވައިރަސް އަށް ފައްސިވަމުން ދާއިރު، ރަޝިޔާއަކީ ވެސް މިވަގުތު ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. އެގޮތުން މިދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް 1175 މީހަކު ހިމެނޭހެން ރަޝިޔާއިން ޖުމްލަ 8672 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކަލަށް ޗައިނާގެ ސިޓީއެއް ފުރަބަންދުކޮށްފައި ވާއިރު، ޗައިނާއަކީ އެންމެ ފުރަތަމަ މި ވައިރަސް ފެނުނު ޤައުމެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މި ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ހުބޭއި ޕްރޮވިންސުގެ ހުއާން ސިޓީންނެވެ. އެއަށްފަހު އާދަޔާއި ޚިލާފަށް ހަލުވިކަމާއެކު ޗައިނާގެ އެކި ކަންކޮޅުތަކަށް މި ވައިރަސް ފެތުރިފައިވާއިރު، މިހާތަނަށް އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 81802 އަށް އަރައެވެ.

ވައިރަސްގެ ފުރަތަމަކޮޅު ޗައިނާގައި ބާރަށް މި ބަލިމަޑުކަން ފެތުރި މުޅި ޤައުމަށް ނުރައްކާ ކުރިމަތިވެފައި އޮތްނަމަވެސް، ފަހުން އެޤައުމުގައި ވައިރަސް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައެވެ. ރިޕޯޓްތައް ބުނާގޮތުގައި އެންމެ ފުރަތަމަ މި ވައިރަސް ފެނުނު ހުއާން ސިޓީން މިދިޔަ ތިން ހަފްތާ ތެރޭގައި ވެސް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ތިން މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު