ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މަރުވާ މީހުންގެ އަދަދު ހަދުވަސް ތެރޭގައި އެންމެ ބޮޑަށް ދަށަށް ދިޔައީ އިއްޔެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިއްޔެ އެމެރިކާ އިން މަރުވީ 1528 މީހުންނެވެ. މިއީ އޭޕްރީލް 07 ވަނަ ދުވަހުން ފެށިގެން އެންމެ މަދުން މީހުން މަރުވި ދުވަހެވެ. ހޮނިހިރު ދުވަހު މަރުވި މީހުންގެ އަދަދާއި ބަލާއިރު އާދީއްތަ ދުވަހު މަރުވި މީހުންގެ އަދަދު ވެސް ދެތިން ސަތޭކަ މަދެވެ. ހޮނިހިރު ދުވަހު އެމެރިކާ އިން 1830 މީހުން މަރުވިއެވެ.

އިއްޔެ އެމެރިކާ އިން ބަލި ޖެހުނު މީހުންގެ އަދަދު ވެސް ވަނީ ދަށަށް ގޮސްފައެވެ. އިއްޔެ އަކީ ފާއިތުވި ހަތް ދުވަސް ތެރޭގައި އެންމެ މަދުން އެމެރިކާ މީހުންނަށް ބަލި ޖެހުނު ދުވަހެވެ. އިއްޔެ އެމެރިކާ އިން ބަލި ޖެހުނީ 27421 މީހުންނަށެވެ.

އެމެރިކާ އިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 22,115 އަށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 560,433 އަށް އަރާފައެވެ. އެމެރިކާ އިން ބަލި ޖެހުނު މީހުންގެ އަދަދާއި ބަލާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު ނިސްބަތުން މަދެވެ. އެމެރިކާގައި ބަލިން އަދި ރަނގަޅުވީ 32,634 މީހުންނެވެ.

އަދިވެސް އެންމެ ހާލަތު ގޯސް އެމެރިކާގެ ސްޓޭޓަކީ ނިއުޔޯކެވެ. ނިއުޔޯކުން 189,415 މީހުންނަށް ބަލިޖެހި 9,385 މީހަކު މިހާރު ވަނީ މަރުވެފައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ ނިއުޖާޒީންނެވެ. ނިއުޖާޒީން 61,850 މީހުންނަށް ބަލި ޖެހި 2,350 މީހުން ވަނީ މަރުވެފައެވެ. މެސަޗީސެޓްސް އިން 25,475 މީހުންނަށް ބަލި ޖެހި 756 މީހަކު ވަނީ މަރުވެފައެވެ. މިޝިގަން އިން 24,638 މީހަކަށް ބަލި ޖެހި 1,487 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 ޖެހިގެން އެމެރިކާ އިން 20000 ވަރަކަށް މީހުން މަރުވާނެ ކަމަށް ކުރިން ލަފާކޮށްފައި އޮތް ނަމަވެސް މިހާރު އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި މަރުވާ މީހުންގެ އަދަދު 60000 އަށް ވެސް އަރާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު