ކޮވިޑް-19 މިހާރު ފެތުރެމުންދާ މިންވަރު ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީކަށް ދިއުމަށް ފަހު ބަލި ފެތުރޭ މިންވަރު މަދުވާން ފެށި ނަމަވެސް އަނެއްނާ "ދެވަނަ ރާޅެއް" އުފެދި، އަންނަ އަހަރުގެ މާޗް މަހާއި ހަމައަށް ބަލި ފެތުރެމުން ދާނެ ކަމަށް އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ބޭންކް މޯގަން ސްޓޭންލީ އިން ބުނެފިއެވެ.
ކޮވިޑް-19 ފެތުރިގެން ދާނެ ގޮތް ލަފާކޮށް މޯގަން ސްޓޭންލީ އިން އާއްމު ކޮށްފައިވާ މަގުޗާޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކޮށް އާއްމު ހާލަތަކަށް އާދެވޭނީ ވެކްސިނެއް އުފެއްދި، އެވެކްސިން ބޭނުން ކުރަން ފެށިގެންނެވެ. ވެކްސިން ބޭނުން ކުރެވޭނެ ކަމަށް އެކުންފުނިން ލަފާކުރަނީ އަންނަ އަހަރުގެ މާޗް މަހުއެވެ.
މިހާރު އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާއި އެކު ބަލި މިވަގުތައް ކޮންޓްރޯލް ކުރެވި، ޖޫން މަހު އަލުން ބައެއް މަސައްކަތްތައް ފެށި، ކޮންމެވެސް ވަރަކަށް މީހުންނަށް ވަޒީފާ އަށް ނިކުމެވޭވަރު ވެދާނެ ކަމަށް ކަމަށް މޯގަން ސްޓޭންލީ އިން ލަފާކުރެއެވެ.
ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ކަންކަން ޖޫން މަސް ނިމެން ވާއިރަށް އިތުރަށް ފުރިހަމަ ވެގެން ދާނެ ކަމަށް މޯގަން ސްޓޭންލީ އިން ލަފަކުރެއެވެ. ޖޫން މަހުގެ ފަހުކޮޅު ލޭގެ ޓެސްޓްތަކުން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ކަމަށް އެކުންފުނިން ލަފާކުރެއެވެ. އެންވެއްޖެނަމަ ބަލި ހުރިކަން ދެނެގަންނަން ފަސޭހަވެ، ޓެސްޓްގެ ނަތީޖާގެ ކަށަވަރުކަން އިތުރު ވެގެން ދާނެއެވެ.
މޯގަން ސްޓޭންލީ އިން ލަފާކުރާ ގޮތުގައި އޮކްޓޯބަރ ނުވަތަ ސެޕްޓެމްބަރ މަހު އަލުން ސްކޫލްތައް ހުޅުވޭ ހިސާބަތައް ކަންތައްތައް ދާނެ ކަމަށް ލަފާކުރެވެއެވެ.
ނަމަވެސް ދެވަނަ އައުޓްބްރޭކެއް ނޮވެމްބަރ މަހު އަންނާނެ ކަމަށާއި، ނޮވެމްބަރ މަހު ބަލި ފެތުރެން ފަށާގޮތައް ދެން ކޮންޓްރޯލް ކުރެވޭނީ މާޗް މަހު ކަމަށް މަގުޗާޓްގައި ބުނެފައި ވެއެވެ.
ނަމަވެސް ކަރަންޓީންގައި މީހުން ތިބުމަށް އަންގާ އަމުރުތައް އިދާރާތަކަށް ތަންފީޒު ކުރެވޭނަމަ މަންޒަރު ބަދަލުވާނެ ކަމަށާއި އޭރުން ބަލި ފެތުރުން ކޮންޓްރޯލް ކުރަން ވެސް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށް މޯގަން ސްޓޭންލީއިން ބުނެއެވެ.
އެއީ އެމެރިކާގެ ވާހަކަ. އަހަރެމެން މުސްލިމުން ރައްކާތެރި ކުރައްވާނީ އެމެރިކާ ހީވެސް ނުކުރާ ގޮތަށް.