ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ތުރުކީން އިތުރު 115 މީހަކު މަރުވެއްޖެ އެވެ.

އެޤައުމުން މިއަދު މި ނުރައްކާތެރި ބަލީގައި ގިނަ ބަޔަކު މަރުވެފައިވާއިރު، މިއީ މިހާތަނަށް ވައިރަސް ޖެހިގެން ތުރުކީގައި އެއް ދުވަސްތެރޭ އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

މީގެ ކުރިން ކޮވިޑް-19 ޖެހިގެން ތުރުކީން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އިއްޔެ އެވެ. އިއްޔެ އެކަނިވެސް އެޤައުމުން މި ބަލީގައި 107 މީހަކު މަރުވެފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކާ ތުރުކީއަށް އިންތިހާއަށް ކުރިމަތިވަމުން ދާއިރު، އެޤައުމުން މިހާތަނަށް 69392 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން މިއަދު އެކަނިވެސް ވައިރަސް އަށް ފައްސިވި 4281 މީހަކު ހިމެނެއެވެ.

މިއަދު އެޤައުމުން މި ބަލީގައި މަރުވި 115 މީހުންނާއެކު، މިހާރު ކޮވިޑް-19 ޖެހިގެން ތުރުކީން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1518 އަށް އަރާފައެވެ.

ތުރުކީގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 5674 މީހެކެވެ. މިއީ އެޤައުމުން ވައިރަސް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު ވަރަށް މަދު އަދަދެކެވެ. އެޤައުމުގައި 1820 މީހަކަށް ވައިރަސް ޖެހިގެން ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން މި ބަލީގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ތުރުކީއަކީ މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ފެނުނު ޤައުމުތަކުގެ ތެރެއިން 9 ވަނައަށް އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވެފައިވާ ޤައުމެކެވެ.

ތުރުކީ ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، މި ވައިރަސް އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 2067900 މީހަކު ފައްސިވެފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 133276 އަށް އަރާފައެވެ. މި ވައިރަސް ޖެހިގެން ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 508623 މީހެކެވެ. އަދި ވައިރަސް ޖެހިގެން ޖުމްލަ 51168 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 70040 އަށް އަރައެވެ. އަދި މި ބަލީގައި މިދިޔަ 24 ގަޑިއިރު ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު 6676 އަށް އަރައެވެ.