ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައިދުރުކަން އިސްކޮށްގެން ތިބޭއިރު، އެކަކު އަނެކެއްގެ ދުރުމިނުގައި ހަ ފޫޓު ހުންނަން ޖެހޭ ކަމަށް، ކަމުގެ ތަޖުރިބާކާރުން ބުނެފިއެވެ.

ވައިގެ ޒަރިއްޔާއިން ފެތުރޭ މި ބަލިން ރައްކާތެރިވުމަށް ގިނަ ސައިންސްވެރިން މީގެ ކުރިން ބުނެފައިވަނީ އެކަކު އަނެކެއްގެ ދުރުމިނުގައި 3 ފޫޓު ހުންނަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ބައެއް ސައިންސްވެރިން ވަނީ ހަ ފޫޓު ދުރުގައި ތިބެން ޖެހޭ ކަމަށް ބުނެފައެވެ. މިގޮތަށް މި ބޭފުޅުން ބުނެފައިވަނީ ނޭނގިވެސް ބަލި ޖެހިފައިވާ މީހަކު ކެއްސާއިރު، ނުވަތަ ވާހަކަ ދައްކާއިރު ބަލި އެ ދުރުމިނަށް ދަތުރު ކުރާނެތީއެވެ.

މިފަދަ ފަރާތްތަކުން ބުނެފައިވަނީ ވައިގެ ޒަރިއްޔާއިން މި ބަލި ފެތުރޭކަން ސީރިއަސް ކޮށް މީހުން ނަގަން ޖެހޭ ކަމަށެވެ.

ގިނަ ތަޖުރިބާކާރުން މި ބަލިން ސަލާމަތްވުމަށް މީހުންގެ ތެރޭގައި 6 ފޫޓު ހުންނަން ޖެހޭނެ ކަމަށް ބުނާއިރު، 3 ތަޖުރިބާކާރަކު ބުނެފައިވަނީ ބަލިން ރައްކާތެރިވުމަށް އެއަށްވުރެ ދުރުގައި ތިބެން ޖެހޭ ކަމަށެވެ. މިގޮތަށް މި ބޭފުޅުން ބުނެފައިވަނީ 6 ފޫޓު ހުންނައިރުވެސް ބަލި ފެތުރޭ ކަމުގެ ހެކިތަކަށް ހުރުމުންނެވެ.

"ހެކިތަކުން ފެންނަ ގޮތުގައި ކޮވިޑް-19 އަންނަނީ މަޑު މަޑުން އަދިވެސް ވައިގެ ޒަރިއްޔާއިން ފެތުރެމުން. މިގޮތަށް ފެތުރެމުން އަންނަނީ އަލާމާތްތައް ނުފެންނަ ބަލި ޖެހިފައިވާ މީހުންގެ ގައިން" ޓައިވާނުގެ ނޭޝަނަލް ސަން ޔަޓްސެން ޔުނިވާސިޓީގެ ޝީއާ ވޭންގެ އާއި ކިމްބާލީ ޕްރެތާ އަދި ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ޑޮކްޓަރު ރޮބާޓް ސްކޫލޭ ބުނެފައިވެއެވެ.

އެ 3 ތަޖުރިބާކާރުން ބުނެފައިވަނީ ފެންނަ ހެކިތަކަށް ބަލާއިރު ސިއްހަތު ޖަމްއިއްޔާއިން އިލްތިމާސް ކޮށްފައިވާ 6 ފޫޓޫ ދުރުމިނަކީ ބަލިން ރައްކާތެރިވުމަށް އެންމެ އެދެވޭ ދުރުމިނެއް ނޫން ކަމަށެވެ. އެބޭފުޅުން ބުނެފައިވަނީ މިހާރު އެންމެންވެސް ބަލަން ޖެހެނީ އެކަކު ކައިރިން ހަ ފޫޓަށްވުރެ ދުރުގައި ތިބެވޭތޯ ކަމަށެވެ.

މި ބޭފުޅުން ބުނެފައިވަނީ ވާހަކަ ދައްކާއިރު ބޭރުވާ ލޮލަށް ނުފެންނަ ޖަރާސީމު ނުވަތަ ކެއްސާއިރު ބޭރުވާ ޖަރާސީމު ގޭތެރޭގައި އުޅޭނަމަ ނުވަތަ ބަންދުވެފައިވާ ތަނެއްގައި ނަމަ އެތަށް ގަޑިއިރަކަށް ހުންނާނެ ކަމަށެވެ. އެހެން ކަމުން މާސްކު ނާޅާ އުޅޭނަމަ ނޭވާލާ އިރު ތިމާއާއި ހަމައަށް އެ ޖަރާސީމު އަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު