އެމެރިކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން މަރުވި ކަލު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލްއިޑް ހައްޔަރު ކުރުމުގައި ބައިވެރިވި ފުލުހުންގެ ތެރެއިން ތިން ފުލުހުން އޭނާގެ ގައި މައްޗަށް އަރަައި ތިބި މަންޒަރު ފެންނަ އިތުރު ވީޑިއޯއެއް އާއްމުވެއްޖެއެވެ.

މި ވީޑިއޯ ނަގާފައި ވަނީ ފްލޮއިޑް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތު މަގުގެ އަނެއް ފަރާތުގައި ހުރި މީހެކެވެ. މީގެ ކުރިން އާއްމު ވެފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ފްލޮއިޑްގެ ކަރުގައި އެއް ފުލުހަކު ކަކޫ އަޅައިގެން އިނދެއެވެ. ފްލޮއިޑްގެ ކަރުގައި ކަކޫ އަޅައިގެން އިނީ ޑެރެކް ޗައުވިން އެވެ. އޭނާގެ މައްޗަށް މިހާރު ވަނީ މީހަކު މަރާލުމުގެ ދައުވާ އުފުލާފައެވެ.

ފަހުން އާއްމުވި ވީޑިއޯ އިން ފެންނަ ގޮތުގައި އެއް ފުލުހަކު ފްލޮއިޑްގެ ބުރަކަށީގައި ކަކޫ އަޅައިގެން އިނދެއެވެ. އަދި ތިން ވަނަ ފުލުސް މީހާ އިނީ ފްލޮއިޑްގެ ފައިގައި ކަކޫ އަޅައިގެންނެވެ. ހަތަރު ވަނަ ފުލުހަކު ކައިރީގައި ކޮޅަށް ހުރެއެވެ. މިހަަރު ފުލުހުން ވެސް ވަނީ މިމައްސަލައިގައި ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ. ނަމަވެސް ޗައުވިން ފިޔަވައި އިތުރު އެއްވެސް ފުލުހެއްގެ މައްޗަށް އަދި ދައުވާ އުފުލާފައެއް ނުވެއެވެ.

https://www.instagram.com/p/CAqt_gHgAxk/?utm_source=ig_embed

މިމަހުގެ 25 ވަނަ ދުވަހު ފްލޮއިޑް ހައްޔަރު ކުރީ 20 ޑޮލަރުގެ ވަގު ނޫޓެއް ގެންގުޅުނު ކަމަށް ތުހުމަތު ކުރެވިގެންނެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން އޭނާ އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި މިހާރު ބޮޑެތި މުޒާހަރާތަކެއް ކުރިއަށް އެބަދެއެވެ. މިމުޒާހަރާތަކުގައި ގިނަ ބަޔަކު ގެންދަނީ ފުލުހުން އެމެރިކާގެ ކަޅު ނަސްލުގެ މީހުންނާއި މެދު ގެންގުޅޭ ތަފާތު ކުރުންތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.