އެފްރިކާގެ ގައުމެއް ކަމަށްވާ ކޮންގޯގައި އެބޯލާ ފެތުރެމުންދާ ކަމަށާއި، ފާއިތުވި ހަފްތާއެއްގެ ތެރޭގައި އެގައުމުން އެބޯލާ ޖެހިފައި ތިބި ހަ މީހުން ފެނި، އޭގެ ތެރެއިން ހަތަރު މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކޮންގޯގެ ހެލްތު މިނިސްޓަރ އެތެނީ ލޮންގޮންޑޯ ވިދާޅުވީ އެބޯލާ ޖެހިފައި ތިބި ކަމަށް ޝައްކު ކުރެވޭ އިތުރު ހަތަރު މީހަކު ވެސް އެގައުމުގައި އެބަތިބި ކަމަށެވެ.

2018 ވަނަ އަހަރު ވެސް ކޮންގޯގައި އެބޯލާ ފެތުރުނެވެ. އެފަހަރު 54 މީހަކަށް ބަލި ޖެހި 33 މީހަކު މަރުވިއެވެ. ކޮންގޯ އަކީ ފުރަތަމަ އެބޯލާ ފެނުނު ގައުމެވެ. ފުރަތަމަ އެބޯލާ ފެނުނީ 1976 ވަނަ އަހަރު އެވެ. އަދިވެސް އެބޯލާ އަށް މުޅިން ކަށަވަރު ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް އެބޯލާ އާއި ދެކޮޅަށް ދެ ވެކްސިނެއް މިހާރު ބޭނުން ކުރަމުން ދެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަންދަމަން ރޭ ވިދާޅުވީ ކޮންގޯގައި އެބޯލާ ފެތުރެމުންދާ ކަމުގެ މައުލޫމާތު ޑަބްލިއުއެޗްއޯ އަށް ލިބިފައިވާ ކަމަށާއި، އެގައުމުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ކޮންގޯގައި މިހާރު އެބޯލާ ފެތުރެމުން ދާއިރު ކޮވިޑް-19 ވެސް އެގައުމުގައި އަންނަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ. މިހާތަނަށް ކޮވިޑް-19 ޖެހިގެން ކޮންގޯ އިން ވަނީ 72 މީހަކު މަރުވެފައެވެ. އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 3200 އަށް ވުރެ ގިނައެވެ.

އާބާދީގައި 101 މިލިއަން މީހުންގެ އާބާދީއެއް އޮތް ކޮންގޯ އަކީ ވެސް އެފްރިކާގެ އެހެން ގައުމުތަކެކޭ އެއްފަދައިން ސިއްހީ ނިޒާމު ބަލިކަށި ގައުމެކެވެ. ގިނަ ބަޔަކަށް އެއްފަހަރާ ފަރުވާ ދެވޭނެ އިންތިޒާމްތައް އެގައުމުގެ އެއްވެސް ސަރަހައްދެއްގައި ގާއިމު ކުރެވިފައެއް ނެތެވެ.