ދާދި ފަހުން އެމެރިކާގައި އަނިޔާވެރި ގޮތަކަށް މަރާލި ޖޯޖް ފްލޮއިޑް މަރާލުމުގައި ބައިވެރިވި ހުރިހާ ފުލުހުންގެ މައްޗައް ދައުވާ އުފުލައިފިއެވެ.

މީގެ ކުރިން ޖޯޖްގެ ކަރަށް ކަކުލުން އަރައިގެން އޮވެ މަރާލި ފުލުހުގެ މައްޗައް އުފުލާފައި ވަނީ ގަސްތަކާއި ނުލައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް މިހާރު އެ ދައުވާ ވަނީ ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ އަށް ބަދަލު ކޮށްފައެވެ. އަދި މީގެ ކުރިން މިކަމުގައި ދެން ބައިވެރިވި 3 ފުލުހުންގެ މައްޗައް ދައުވާ ނުކުރި ނަމަވެސް މިހާރު ވަނީ އެ 3 ފުލުހުންގެ މައްޗައްވެސް މީހަކު މަރާލުމުގައި ބައިވެރިވެ، އެކަމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

މިގޮތަށް ދައުވާ ކުރުމަށް ގޮވާލައި އެމެރިކާގެ އެކި ހިސާބުތަކުގައި ވަރުގަދަ މުޒާހަރާތައް ކުރަމުން ގެންދާ މި ދަނޑިވަޅުގައި މިނެސޮޓާގެ އެޓާނީ ޖެނެރަލް މިގޮތަަށް ދައުވާ އުފުލުމަށް ފަހުގައި ބުނެފައި ވަނީ އެފަރާތުން އިސްކަން ދޭނީ ރައްޔިތުންގެ އަޑަށާއި، އެއަށް އިންސާފު ހޯދައި ދިނުމަށް ކަމަށެވެ.

މިހާރު ޖޯޖްގެ އާއިލާ އިންވެސް ބުނެފައި ވަނީ އޭނާ ވަޅުލުމުގެ ކުރިން މިގޮތަށް ދައުވާ ކުރުމުން ވަރަށް އުފާވެއްޖެ ކަމަށާއި މިކަމުގައި ބައިވެރިވި އެންމެނަށްވެސް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށެވެ.