ތުރުކީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ބިންހެލުންތައް މޮނިޓަރ ކުރާ ބައިނަލްއަޤުވާމީ އިދާރާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނާގޮތުން މި ބިންހެލުން އައިސްފައިވަނީ ރޭ 11:10 ހާއިރު އެވެ.

އެ އިދާރާއިން ބުނެފައިވާ ގޮތުގައި ތުރުކީގެ އިރުމަތީ ސަރަޙައްދަކަށް އައި މި ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 5.2 އަށް އަރައެވެ. މި ބިންހެލުން އައީ އެ ސަރަޙައްދުގެ ބިމުގެ 7 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމާއި ގުޅިގެން، ބިންހެލުން އައި ސަރަޙައްދަށް ލިބުނު ގެއްލުމެއް އަދި އިދާރާތަކުން ހާމައެއް ނުކުރެއެވެ. އަދި ބިންހެލުމާއި ގުޅިގެން މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމެއްވެސް އެނގިފައެއް ނުވެއެވެ.

ރޭ ތުރުކީއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރު އިދާރާއަކުން ނެރެފައެއް ނުވެއެވެ.

ރެކްޓަރ މިންގަނޑުން 5.2 ގެ ބާރުމިނުގައި ރޭ އައި ބިންހެލުމަށްފަހު، އެ ސަރަޙައްދަށް ކުދި ލޮޅުންތައް އަންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތުރުކީގެ އިތުރުން ދުނިޔޭގެ އުތުރު ދަނޑި (ނޯތް ޕޯލް) ގައި ވަކިން އޮންނަ ކުޑަ ރަށެއް ކަމަށްވާ، ސަލްބާޑް އަށްވެސް މިރޭ ބާރުގަދަ ބިންހެލުމެއް އައިސްފައި ވެއެވެ. ރެކްޓަރ މިންގަނޑުން 5.0 ގެ ބާރުމިނުގައި އެ ބިންހެލުން އައިސްފައި ވަނީ ބިމުގެ ދެ ކިލޯމީޓަރު އަޑިން ރޭ ރާއްޖެ ގަޑިން 9:30 ހާއިރު އެވެ.