ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ވާ މީހުން ސްރީލަންކާއަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލުމަށް އެޤައުމުން ނިންމައިފިއެވެ.

ލަންކާގެ ޓޫރިޒަމް މިނިސްޓްރީން މިކަން ހާމަކޮށް ބުނެފައި ވަނީ، އެޤައުމަށް ފަތުރުވެރިންގެ ގޮތުގައި ދަތުރުކުރާ ފަރާތްތަކަށް ޤައުމަށް އެތެރެވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ އަންނަ އޮގަސްޓު މަހުން ފެށިގެން ކަމަށެވެ.

ކޮވިޑް-19 ފެތުރުމާއި ގުޅިގެން ލަންކާގެ ބޯޑަރުތަކާއި އެއާޕޯޓު ބަންދުކުރީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ. މިކަމާއި ގުޅިގެން އެޤައުމަށް ފަތުރުވެރިން ދަތުރުކުރުން އޮތީ މުޅިން ހުއްޓިފައެވެ. މި ބަލިމަޑުކަމާއި އެކު އެޤައުމުގެ އިޤްތިސާދަށް ހީނަރުކަން އަންނަމުންދާތީ މިހާރު ތައްޔާރުވަމުން ދަނީ އާ އާންމު ހާލަތަކަށް ދިއުމަށެވެ.

ލަންކާގެ ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާގޮތުން އެޤައުމަށް ދަތުރުކުރާ ފަތުރުވެރިންގެ އަތުގައި ކޮވިޑް-19 އަށް ނައްސިކަން އަންގައިދޭ ލިޔުމެއް އޮންނަން ޖެހޭނެއެވެ. އަދި އެޤައުމަށް ދަތުރުކުރާ ހުރިހާ ފަތުރުވެރިން އެއާޕޯޓުގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް ވެސް ވަނީ ނިންމާފައެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ، ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިކަން އަލުން ފެށުމުން އެޤައުމަށް ދަތުރުކުރާ ފަތުރުވެރިން މަދުވެގެން ފަސް ދުވަހުގެ މުއްދަތެއް އެޤައުމުގައި ހޭދަކުރަން ޖެހޭނެ ކަމަށެވެ.

ލަންކާގެ ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ނޫސްތަކުގައި ބުނެފައިވަނީ، އެޤައުމަށް އަލުން ދަތުރުތައް ފެށުމަށް ޗައިނާ އާއި އިންޑިއާ އާއި ހުޅަނގާއި އުތުރު ޔޫރަޕުގެ ޤައުމުތަކުންވެސް ހުށަހަޅާފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ކުރީކޮޅު ލަންކާއަށްވެސް މި ބަލީގެ ނުރައްކާ ބޮޑުވެގެން ދިޔައެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިހާތަނަށް އެޤައުމުން ފައްސިވެފައިވަނީ ޖުމްލަ 1878 މީހެކެވެ. އޭގެތެރެއިން 11 މީހަކު މިހާތަނަށް މަރުވެފައި ވެއެވެ.

ލަންކާއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 1196 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، މިހާރު ފަރުވާދެމުން ދަނީ 671 މީހަކަށް ކަމަށް އިދާރާތަކުން ބުނެއެވެ. އޭގެތެރެއިން އެކަކަށް ފަރުވާދެނީ ސީރިއަސް ހާލުގައެވެ.

ކިޔުންތެރިންގެ ހިޔާލު