ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ހަތަރު މިލިއަނަށް އަރައިފިއެވެ.

މިހާތަނަށް ފަރުވާއެއް އަދި ބޭހެއް ނުވަތަ ވެކްސިނެއް ހޯދިފައި ނުވާ ކޮވިޑް-19 ޖެހިގެން ދުނިޔޭގެ އެކިކަންކޮޅުތަކުން 429,964 މީހުން ވަނީ މަރުވެފައެވެ. އަދި 7.8 މިލިއަނަށް ވުރެ ގިނަ މީހުންގެ ގައިން ބަލި ވަނީ ފެނިފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައި ވަނީ 4,002,946 މީހުންނެވެ.

ބަލި ޖެހިގެން މިވަގުތު ތިން މިލިއަނަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެމުންދާ އިރު، 53,921 މީހެއްގެ ހާލު ސީރިއަސްއެވެ.

ދުނިޔޭގެ އެކިއެކި ގައުމުތަކުގެ މައުލޫމާތަށް ވަކިން ބަލާ އިރު، އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވަނީ އެމެރިކާގައެވެ. އެމެރިކާގައި 2.1 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި އެއް ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބަލި ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވީ ވެސް އެމެރިކާގައެވެ.

ދެ ވަނަ އަށް އެންމެ ގިނަ އިން ބަލި ޖެހިފައި ވަނީ ބްރެޒިލްގައެވެ. ބްރެޒިލްގައި އަށް ލައްކައަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި 41،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ތިން ވަނަ އަށް ރަޝިއާގައި ފަސް ލައްކައަށް ވުރެ ގިނަ މީހުންގެ ގައިން ބަލި ފެނުނު އިރު، 6،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮންޓްރޯލެއް ނެތި ކޮވިޑް-19 ފެތުރެމުންދާ އިރު، މިއަދު އެކަނި ވެސް 70،000 އަށް ވުރެ ގިނަ މީހުންގެ ގައިން ބަލި ވަނީ ފެނިފައެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުން 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު