ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފާއިތުވެދިޔަ ތިން ދުވަހުވެސް ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ބުދަ ދުވަހު މުޅި ދުނިޔެއިން 135638 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އަދި ބުރާސްފަތި ދުވަހު 137908 މީހަކަށް ބަލި ޖެހުނުއިރު، ހުކުރު ދުވަހު 141973 މީހަކު އަލަށް މި ބައްޔަށް ފައްސިވެފައި ވެއެވެ.

މިއީ މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ފެނުނީއްސުރެ، އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވީ ތިން ދުވަހެވެ. އެހެންކަމުން މިހާރު ދުނިޔޭގައި މި ބަލި ފެތުރެމުންދަނީ ކުރިން ފެތުރެމުން ދިޔަވަރަށްވުރެ ހަލުވިމިނުގައެވެ.

ދުނިޔެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7,849,007 އަށް އަރާފައެވެ. މީގެ ތެރެއިން 431,542 މީހަކު މަރުވެފައި ވާއިރު، ބަލިން ރަނގަޅުވެފައި ވަނީ 4,016,407 މީހެކެވެ.

މި ބަލީގެ ނުރައްކާ މިހާރު އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ބްރެޒިލް އާއި ރަޝިޔާގެ އިތުރުން އަވައްޓެރި އިންޑިއާ ހިމެނެއެވެ.

އެމެރިކާއިން މިހާތަނަށް ޖުމްލަ 2,140,980 މީހަކަށް ކޮވިޑް-19 ޖެހި، އޭގެތެރެއިން 117,490 މީހަކު މަރުވެފައި ވެއެވެ. އެޤައުމަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެ، ބަލީގައި މަރުވި ޤައުމެވެ. އަދި ބްރެޒިލް އިން 850,514 މީހަކު މި ބައްޔަށް ފައްސިވެ، 42,720 މީހަކު މަރުވެފައި ވާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމަކީ ބްރެޒިލް އެވެ. އެގޮތުން މިދިޔަ ދުވަސްތަކުގައި ބްރެޒިލް އިން އަންނަނީ އެމެރިކާއަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި، މަރުވަމުންނެވެ.

ރަޝިޔާއިން މިހާތަނަށް 520,129 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އޭގެތެރެއިން 6,829 މީހަކު މަރުވެފައި ވެއެވެ. އަދި އަވައްޓެރި އިންޑިއާއިން 321,626 މީހަކަށް މި ބަލި ޖެހި 9,205 މީހަކު ވަނީ މަރުވެފައެވެ. އިންޑިއާއަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހިފައިވާ ޤައުމެވެ. އަދި އެޤައުމަކީ ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔެއިން ތިންވަނައަށް އެންމެ ހަލުވިކަމާއެކު މި ބަލި ފެތުރެމުންދާ ޤައުމުވެސް މެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 މިހާތަނަށް 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ފެނިފައި ވެއެވެ. ބަލި ޖެހޭ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މި ބައްޔަށް އަދި ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    ގައުމުގެ ލޮކުޑައުން އެއްކޮއް އުވާލާ ރާއްޖެ އެއްމެނައް ބަލިޖައްސާ ވީހާ ގިނަބަޔަކު އަވަހައްމަރާ.