ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އިންޑިއާއިން އިތުރު 315 މީހަކު މަރުވެއްޖެ އެވެ. މިއީ އެޤައުމުން މިހާތަނަށް އެއް ދުވަހެއްގައި ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ފަހަރެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމުން، މިހާރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 9,205 އަށް އަރާފައެވެ.

އިދާރާތަކުން ބުނާގޮތުން އިންޑިއާއިން އިއްޔެ އެކަނިވެސް އިތުރު 12,023 މީހަކު ކޮވިޑް-19 އަށް އަލަށް ފައްސިވެފައި ވެއެވެ. މިއީ އިންޑިއާއިން މިހާތަނަށް ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ފަހަރެވެ. އެޤައުމުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 321,626 އަށް އަރާފައެވެ.

އިންޑިއާއަކީ މިހާރު ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ދެކުނު އޭޝިއާ ސަރަޙައްދުން ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ. އަދި އެޤައުމަކީ އެމެރިކާ އާއި ބްރެޒިލް ފިޔަވައި އެންމެ ހަލުވިކަމާއެކު މިބަލި ފެތުރެމުންދާ ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާއިން މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 162,326 މީހެކެވެ. އެހެންކަމުން އެޤައުމުގައި މިހާރު ފަރުވާދެމުން ދަނީ 150,095 މީހަކަށެވެ. ނަމަވެސް އޭގެތެރެއިން 8944 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައެވެ.

އިންޑިއާ އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން އެޤައުމުން ކުރިޔަށް އޮތް ދުވަސްތަކުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު