އެމެރިކާގެ ޖޯޖިއާގައި އޮންނަ ސިޓީއެއް ކަމަށްވާ އެޓްލާންޓާގެ ފުލުހުންގެ ވެރިޔާ، އެރިކާ ޝީލްޑްސް މަޤާމުން އިސްތިއުފާދީފިއެވެ.

އެރިކާ އޭނާގެ މަޤާމުން އިސްތިއުފާ ދީފައި މިވަނީ، އެޤައުމުގައި ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މަރާލި ހާދިސާ އާއި ގުޅިގެން މަޝްރަހު ހޫނުވެ މުޒާހަރާތައް ކުރަމުންދާ މި ދަނޑިވަޅުގައި އެޓްލާންޓާގެ ފުލުހުންތަކެއް އެ ސިޓީގައި މީހަކު މަރާލި މައްސަލަ ފެންމަތިވުމާއި ގުޅިގެންނެވެ.

ވިހި އަހަރު ވަންދެން އެޓްލާންޓާ ފުލުހުންގެ ޑިޕާޓްމެންޓުގައި މަސައްކަތްކޮށްފައިވާ އެރިކާ، އިސްތިއުފާ ދިންކަން ހާމަކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިގޮތަށް ނިންމާފައިވަނީ ސިޓީ އާއި އެ ސިޓީގެ ރައްޔިތުންނާއި އެކު ހުރުމަށް ބޭނުންވާތީ ކަމަށެވެ.

އަދި މިއީ ރައްޔިތުންނާއި ސަލާމަތީ އިދާރާތަކާއި ދެމެދުގައި އިތުބާރު އުފައްދަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށްވެސް އެރިކާ ބުނެފައި ވެއެވެ.

މަޤާމުން އިސްތިއުފާދިންކަން ހާމަކޮށް އެރިކާ ވަނީ، މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި އެޓްލާންޓާގައި ބަޑިޖަހައި މަރާލުމުގައި ބައިވެރިވި ފުލުހުންވެސް ވަޒީފާއިން ވަކި ކުރުމަށް ގޮވާލާފައެވެ. އެ ހާދިސާ ކުށްވެރިކޮށް އޭނާ ވަނީ މައްސަލަ ތަހުޤީޤުކޮށް އިންސާފު ހޯދައިދިނުމަށްވެސް ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ހުކުރު ދުވަހު އެޓްލާންޓާގެ ފުލުހުން ބަޑިޖަހައި މީހަކު މަރާލާފައި ވަނި އޭނާގެ އަތުގައި ޓީޒާގަން (ކަރަންޓު ބަޑި) އެއް އޮތުމުންނެވެ. އުމުރުން 27 އަހަރުގެ އެ ފިރިހެންމީހާ އަކީ ފްލޮއިޑްގެ މަރާއި ގުޅިގެން އެމެރިކާގައި ކުރިޔަށްދާ މުޒާހަރާގެ ބައިވެރިއެކެވެ. އޭނާ އަކީވެސް ކަޅުނަސްލުގެ މީހެކެވެ.

މި މަންޒަރު ފެންނަ ވީޑީއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވެ ފުލުހުންނަށް ފާޑުކިޔުން އަމާޒުވަމުން ދާއިރު، ފުލުހުން ބުނެފައި ވަނީ އޭނާގެ ގަޔަށް ބަޑި ޖަހާފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށެވެ.

އޭނާ މަރުވެފައި ވަނީ މި ހާދިސާ އާއި ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.