ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ގައުމުތަކުން ފިޔަވަޅުތައް އަޅާފައި ވީނަމަވެސް އެކަމުގެ އެކަށީގެންވާ ނަތީޖާއެއް ނުފެނި، އިއްޔެ ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެއެވެ. އިއްޔެ 181005 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއީ މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. މީގެ ކުރިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވީ ބުދަ ދުވަހު އެވެ. ބުދަ ދުވަހު 146111 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

އިއްޔެ އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ބްރެޒިލް އިންނެވެ. ބްރެޒިލް އިން ވަނީ އިއްޔެ އެކަނިވެސް 55,209 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. ދެން އެންމެ ގިނަ މީހުން އިއްޔެ ފައްސިވީ އެމެރިކާ އިންނެވެ. އެމެރިކާ އިން އިއްޔެ 33,539 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވީ އިންޑިއާ އިންނެވެ. އިންޑިއާ އިން އިއްޔެ 14,721 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

އިއްޔެ ކޮވިޑް-19 އަށް 181005 މީހަކު ފައްސިވި ކަމަށް "ވޯލްޑް މީޓާ" ވެބްސައިޓްގައި ބުނި ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ކަށަވަރު ކުރެވިފައި ވަނީ 150000 މީހުން ފައްސިވި ކަމަށެވެ. ދޮޅުލައްކަ މީހުން ފައްސިވި ކަމަށް ބެލި ނަމަވެސް އިއްޔެ އަކީ އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާއި ގުޅޭ ގޮތުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޓެޑްރޯސް ރޭ ވިދާޅުވީ ދުނިޔެއަށް މިވަނީ އާނުރައްކަލަކާއި ކުރިމަތިވެފައި ކަމަށެވެ.

"ވައިރަސް ފެތުރެމުން ދަނީ ވަރަށް ބާރަށް. ވައިރަސް އަކީ އަދިވެސް ގިނަ ބައެއްގެ ފުރާނައަށް ނުރައްކާ ކުރާ، އަދި ގިނަ ބައެއްގެ ހާލަތު ދަށަށް ގެންދާ ބާރުގަދަ ވައިރަސްއެއް." ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް އެންމެ އާދައިގެ ކަންކަމަށް ބޯލެނގުމަށް ގޮވާލާފައެވެ. އެގޮތުން އަތް ދޮވުމަށާއި މާސްކް އެޅުމަށް އަދި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    ސިއްޙީ ބިރުވެރިކަން އުފެއްދުމުގައި ހޭބޯނާރާ!؟

    6
    1