ކޮވިޑް-19 އާ ގުޅިގެން ދެކުނު ކޮރެއާ އަށް ދެ ވަނަ ރާޅެއް އަރާފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ކޮރެއާގެ ސެންޓަ ފޯ ޑިސީޒަސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ކޭސީޑީސީ) ގެ ޑިރެކްޓަރު ޖަންގް އުން-ކިޔޯންގް ހޯމަ ދުވަހު ވިދާޅުވީ އެ ގައުމަށް ދެވަނަ ރާޅެއް އަރާފައި ވަނީ މިދިޔަ މެއި މަހުގެ ބަންދު ތެރޭގައި ކަމަށެވެ. އަދި އެ ގައުމަށް އެރި ފުރަތަމަ ރާޅު، އޭޕްރީލް މަހުގެ ނިޔަލާ ހަމައަށް ދިޔަ އިރު، ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އޭޕްރީލްގެ ފަހުން ކޮންމެ ދުވަހަކު ވެސް އެ ގައުމުން ފައްސިވަނީ 10 ވަރަކަށް މީހުންނެވެ. އެކަމަކު، އެ ގައުމުގައި މިހާރު ފައްސިވާ މީހުންގެ އަދަދު އެއަށް ވުރެ އިތުރު ވަނީ ވެފައެވެ.

ދެކުނު ކޮރެއާގައި މިއަދު އެކަނި ވެސް 46 މީހަކު ފައްސިވެ، އެކަކު ވަނީ މަރުވެފައެވެ. ދެކުނު ކޮރެއާގެ ކަމާބެހޭ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާނެއެވެ.

ދެކުނު ކޮރެއާ އިން މިހާތަނަށް 12،484 އަށް މީހަކު ފައްސިވެ، 280 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު