ފަލަސްތީނުގެ ރައްޔިތަކު ޒަހަމްވެފައި އޮއްވައި ބަޑިޖަހައި އޭނާ މަރާލި އިސްރާއިލް ސިފައިންގެ މީހާ އިލޯ އަޒާރިއާ ޖަލުން ދޫކޮށްލައިފިއެވެ.

ފަލަސްތީނުގެ އަބްދުލް ފައްތާހް އަލް ޝާރިފް މަރާލިކަމުގެ ކުށުގައި އަޒާރިއާ ޖަލުގައި ނުވަ މަސް ހޭދަކުރިއިރު އަޒާރިއާ ޖަލުން ދޫކޮށްލާފައިވަނީ އޭނާއަށް އެންމެ ފުރަތަމަ އައި ހުކުމުގެ ދެ ބައިކުޅަ އެއްބައި ތަންފީޒުކުރުމަށްފަހުއެވެ. 18 މަސް ދުވަހަށް އަޒާރިއާ ޖަލަށްލުމަށް ކުރެވުނު ހުކުމް ފަހުންވަނީ ހަތަރު މަހަށް އަވަސްކޮށްފައެވެ.

އަޒާރިޔާ ފަލަސްތީނުގެ އަބްދުލް ފައްތާހް އަލް ޝާރިފް މަރާލާފައިވަނީ ހުޅަނގު އައްސޭރީގެ ހެބްރޮން ނަމަކަށްކިޔާ ރަށެއްގައި 2016 ވަނަ އަހަރުގެ މާރިރު މަހުގެ ތެރޭގައެވެ. އަޒާރިއާ އޭނާގެ ބޭބެގެ ކައިވެނީގެ ހަފްލާއަށް ހާޒިރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޖަލުން ދޫކޮށްލާފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

އަޒާރިއާ ބުނާގޮތުގައި، މަރާލި އަބްދުލް ފައްތާހް އަލް ޝާރިފް ވަނީ އިސްރާއިލްގެ އެހެން ސިފައިންގެ މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފައެވެ. އަބްދުލް ފައްތާހް މަރާލާފައިވަނީ އެ ހަމަލާއަށްފަހު އިސްރާއިލްގެ ސިފައިން ދިން ހަމަލާތަކެއްގައި ޒަހަމްވުމުގެ ސަބަބުން ޝާރިފް ބިންމަތީގައި އޮއްވައި ބަޑިން ޙަމަލާ ދީގެން އޭގެ އެގާރަ މިނެޓް ފަހުން ކަމަށް އިސްރާއިލްގެ ނޫސްތަކުގައި ބުނެފައިވެއެވެ.

އަޒާރިއާގެ މައްސަލަ ބެލި ގާޒީވެސް ވަނީ، އަޒާރިއާ، އަބްދުލް ފައްތާހް މަރާލައިފައިވަނީ ޓެރަރިސްޓުން ދިރިހުންނަން ޖެހޭކަމަށް ގަބޫލުނުކުރާތީކަމަށް އަޑުއެހުމުގައި ބުނެފައެވެ. ފަލަސްތީނުގެ ބައެއް އޮފިޝަލުން ވަނީ އަޒާރިއާއަށް ދިން ހުކުމަކީ އޭނާ ކުރި އަމަލާއި ބަލައި އެއްވެސް ހާލެއްގައި އެކަށީގެންވާ ހުކުމެއްވެސް ނޫންކަމުގައި ބުނެ ނުރުހުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު