އެމެރިކާގެ ހަވާއީގެ ބިޔަ އަލިފާން ފަރުބަދަ ކިލުވެއާ ގޮވުމުގެ ސަބަބުން އެ ފަރުބަދައިން ފައިބަމުންދާ ދިޔާ ހިލަ، ނުވަތަ ލާވާއިން އެރަށުގެ ބޮޑު ބައެއް ފުރި ޢާންމުންނާއި އެފަރާތްތަކުގެ ގެދޮރަށް ބޮޑެތިގެއްލުންތަކެއް ލިބެން ފަށައިފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ގޮވަން ފެށި މި ފަރުބަދައިން ފައިބަމުންދާ ލާވާގެ ސަބަބުން މިހާތަނަށް ހަވާއީގެ 35 ގެއެއް އަނދައި ހުލިވެފައިވާއިރު، އަލިފާނާއި ފަރުބަދައިން ބޭރުވަމުންދާ ބޯ ވިހަ ގޭހުގެ ސަބަބުން ދެހާހެއްހައި މީހުނަށް ވަނީ ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ.

މި ހާދިސާގެ ސަބަބުން އެ ސަރަޙައްދުގެ މަގުތަކަށް އަލިފާނާއި ހިލަ ފައިބައި ބޭނުން ނުކުރެވޭވަރު ވެފައިވާއިރު، މަގުތަކުގައި ޕާކުކޮށްފައިވާ ކާރުތައްވެސް ދަނީ އަނދައި ހުލިވަމުންނެވެ.

ކިލުވެއިއާ ފަރުބަދަ ގޮވައި ހަވާއީގެ ބޮޑު ސަރަޙައްދަކަށް އަލިފާނުގެ އަސަރު ކުރަމުންދާއިރު، އިތުރު ބައެއް ހިސާބުތަކުންވެސް މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ. އަދި އަލިފާނުގެ އަސަރު ކުރުމުގެ ކުރިން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އެފަރާތްތަކުން ދަނީ، ނުރައްކާ ބޮޑުވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

ކިލުވެއާ ފަރުބަދަ ގޮވައި ފެތުރެމުންދާ ވިހަ ގޭހާއި އަޅީގެ ސަބަބުން، ހަވާއީގެ ދެ އަވަށަކަށް މީހުން ދަތުރު ނުކުރުމަށްވެސް އެޤައުމުގެ ސިވިލް ޑިފެންސް އޭޖެންސީން އަންގާފައިވާއިރު، އެ އިދާރާއިން ވަނީ އެ ހިސާބުތަކަށް އެލާޓްވެސް ނެރެފައެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުގައި، ފަރުބަދައިން ބޭރުވާ ވިހަ ގޭހުގެ ތެރޭގައި ހިމެނޭ ސަލްފަޑައި އޮކްސައިޑަކީ ފުރާނައަށްވެސް ނުރައްކާ ކުރިމަތި ކުރުވާ ގޭހެއް ކަމުގައި އާއި، އެ ގޭހުގެ އަސަރު ކިލުވެއިއާ ފަރުބަދައިން ބޭރުވަމުންދާ ދުމުގައި އާދަޔާއި ޚިލާފަށް ގިނައިން ހުރިކަމަށެވެ.

ކިލުވެއާ ފަރުބަދައަކީ 4،190 ފޫޓު އުސް، އަދި ފުޅާމިނުގައި 1،247 ހުންނަ ބިޔަ ފަރުބަދައެކެވެ. މި ފަރުބަދައަކީ ހަވާއީގައި ހުރި ނުރައްކާތެރި ފަސް އަލިފާން ފަރުބަދައިގެ ތެރޭގައި ހިމެނޭ ފަރުބަދައެކެވެ.

ކިޔުންތެރިންގެ ހިޔާލު