ނައިޖީރިޔާގެ ފޮރިން މިނިސްޓަރ، ޖޮފްރީ އޮނޭމާ ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއީ ނައިޖީރިޔާގެ ކެބިނެޓް މިނިސްޓަރަކު ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ ފަހަރެވެ.

އުމުރުފުޅުން 64 އަހަރުގެ ޖޮފްރީއަށް ކޮވިޑް-19 ޖެހިފައިވާކަން އޭނާ ހާމަކުރެއްވީ އަމިއްލަފުޅަށް އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ޖޮފްރީ ވިދާޅުވީ ކޮވިޑް-19 ޖެހިފައިވާކަން އެނގިވަޑައިގަތީ ކަރަށް ތަދުވާތީ ޓެސްޓު ކުރުމުން ކަމަށެވެ.

ޖޮފްރީ ވިދާޅުވީ ކަރަށް ތަދުވާތާ ގިނަ ދުވަސްވެފައިވާ ކަމަށާއި، އެކަމާއި ގުޅިގެން ކުރިން ތިން ފަހަރެއްގެ މަތީންވެސް ކޮވިޑަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. މިގޮތުން ކުރީގެ ޓެސްޓުތައް ކޮވިޑަށް ނައްސިވިއިރު، ބަލި ޖެހިފައިވާކަން ހާމަވީ ހަތަރުވަނަ ޓެސްޓުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޮފްރީ ވަނީ ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ސިއްޙީ ޚިދުމަތްދޭ މަރުކަޒެއްގައި އައިސޮލޭޓް ވުމަށް ނިންމަވާފައެވެ. އަދި ބަލިން ރަނގަޅުވޭތޯ ދުޢާކުރާ ކަމަށްވެސް އޭނާގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ނައިޖީރިޔާ ގައި މޭއި މަހުގެ ތެރޭގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް މިހާރު ވަނި ބޮޑެތި ލުއިތަކެއް ދީފައެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 36000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހި، ބަލީގައި 778 މީހަކު މަރުވެފައި ވެއެވެ.

ނައިޖީރިޔާގެ ފޮރިން މިނިސްޓަރ ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެޤައުމުގެ ރައީސް މުޙައްމަދު ބުޚާރީގެ ޗީފް އޮފް ސްޓާފްގެ މަޤާމުގައި ހުންނެވި، މައްލަމް އައްބާ ކިޔާރީ މީގެ ކުރިން ވަނީ މި ބަލީގައި އަވަހާރަވެފައެވެ. ކިޔާރީ އަކީ ނައިޖީރިޔާގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް އަވަހާރަވި، އެޤައުމުގެ ސަރުކާރުގެ އެންމެ އިސް ބޭފުޅާއެވެ.