ފިޖީ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓަރު އިފްރިމީ ވަގްނަބެތޭ ވިދާޅުވީ ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ 66 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާއަކީ ދާދި ފަހުން، އިންޑިއާގައި ހުރެފައި އެ ގައުމަށް އައި މީހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާ އަށް އެ މީހާ ދިޔައީ ހިތުގެ އޮޕަރޭޝަނެއް ކުރުމަށެވެ. އަދި އުސޫލުތަކުގެ ތެރެއިން އޭނާ ފިޖީ އަށް އައުމުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ނަތީޖާ ފައްސިވިއެވެ. އެމީހާ ފައްސިވި ނަމަވެސް ފިޖީގައި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހުނު މީހާ މަރުވެފައި ވަނީ އިއްޔެ ވަގުތެއްގައި ލައުޓޮކާ ހޮސްޕިޓަލްގެ އައިސޮލޭޝަން ވޯޑެއްގައި އޮއްވައެވެ.

ފިޖީ އިން މިހާތަނަށް ފައްސިވެފައި ވަނީ އެންމެ 27 މީހުންނެވެ.