ޓޮންގާގައި ކަނޑުގެ އަޑީގައި އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން ފިޖީއަށްވެސް ސުނާމީގެ އިންޒާރު ދީފިއެވެ.

ފިޖީއަށް ސުނާމީގެ އިންޒާރު ދީފައިވާއިރު، މިހާރު ޓޮންގާއަށް ވަނީ ސުނާމީ އަރާފައެވެ.

ޓޮންގާގައި ގޮވާފައިވާ ފަރުބަދައަކީ ކަނޑުގެ އަޑީގެ އަލިފާން ފަރުބަދައެއް ކަަމަށްވާ ހަންގާ ޓޮންގާ ހަންގާ ހާއަޕާއީއެވެ.

މަތަންގީ ޓޮންގާ ނިއުސް ސައިޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި މި އަލިފާން ފަރުބަދަ ގޮވަން ފެށުމާއެކު ސައިންސްވެރިން ވަނީ އަލިފާން ފަރުބަދަ ކައިރީގައި ބޮޑެތި ގޮވުންތަކާއި، ގުގުރިއާއި، ވިދުވަރުތައް ބަލާފައެވެ.

ފިޖީގެ އެޓާނީ ޖެނެރަލް އިޔާޒް ސައްޔިދު-ޚައިޔުމް ނޫސްވެިންނާއި ބައްދަލުކުރައްވާ ވިދާޅުވީ، ވައިގެ ކޮލިޓީ މޮނިޓާ ކޮށް އިވެކުއޭޝަން ސެންޓަރުތައް ހުޅުވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، މީހުން އުސް ތަންތަނަށް ބަދަލުވާން ޖެހެނީ، އެމީހުން ދާން ޖެހިއްޖެ ހާލަތެއްގައި ކަމަށާއި، އަދި އެކަމުން ސަލާމަތްވާން ޖެހިއްޖެ ނަމަ ކަމަށެވެ.

"ވެހޭ ވާރޭ އެސިޑިކް ވުމުގެ ފުރުސަތު އޮތުމުން ވާރޭ ވެހިއްޖެ ހާލަތެއްގައި ހުރިހާ ގޭބިސީއެއްގެ ފެން ޓޭންކްތައް ކަވަރުކޮށް، ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސްކުރަން."