މީގެ ހަ ވަރަކަށް އަހަރު ކުރިން ފިޖީއަށް އައި ބާރުގަދަ ތޫފާނެއްގައި އަސަރުކޮށް އެއްގަމަށާއި މޫދަށް ވަނީ ގެއްލުންތައް ލިބިފައެވެ. 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އައި އެ ތޫފާނުގައި 280 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހި 40،000 އަށް ވުރެ ގިނަ ގެތަށް ހަލާކުވެގެން ގޮސްފައި ވެއެވެ. އަދި މި ތޫފާނުގެ ސަބަބުން 44 ހަތަރު މީހުން ވަނީ މިހާދިސާގައި މަރުވެފައެވެ. ފަރުތަކަށް ވެސް މީގެ އަސަރު ވަނީ ކޮށްފައެވެ.

ތޫފާނުގެ ހާދިސާގެ ފަހުން ހަތަރު އަހަރު ވީއިރު، ސައިންސްވެރިން ބުނެފައިވަނީ މިހާރު ފިޖީގެ ފަރުތަށް ރީތިވެފައި މަސްތައް ވެސް އެތަނުގައި އުޅެމުންދާ ކަމަށެވެ. ވައިލްޑް ލައިފް ކޮންސާވޭޝަން ސޮސައިޓީގެ ފަރާތުން ފީނާ މުރަކަތަށް ބަލާފައިވެއެވެ. ސައިންސްވެރިން ބުނެފައިވަނީ އެމީހުން ހިތްހަމަ ޖެހޭ ވަރަށް ފިޖީގެ ފަރުތަށް ރީތިވެފައި، މުރަކަތަށް ގިނަވެ ހެދެމުންދާ ކަމަށެވެ.

ވައިލްޑް ލައިފް ކޮންސާވޭޝަން ސޮސައިޓީގެ ޑިރެކްޓަރ ބުނެފައިވަނީ ހީވެސް ނުކުރާހާ އަވަހަށް ފިޖީގެ ފަރުތަށް ހެދެމުން އަންނަ ކަމަށެވެ. ތޫފާނުގެ ސަބަބުން ހަލާކުވެފައިވާ ފަރު މިހާރު ފެންނަމުން ދަނީ ވަރަށް ރީތި، ދިރުން ހުރި ފަރެއްގެ ގޮތުގައިކަން ފާހަގަ ކުރިއެވެ.

2016 ވަނަ އަހަރު އައި އެ ތޫފާނުގެ ފަހުން ވައިލްޑް ލައިފް ކޮންސާވޭޝަން އިން ސާވޭއެއް ކުރަން، ފިޖީގެ ފަރުތައް ބަލަން ތިން ފަހަރެއްގެ މަތިން ފީނާފައެވެ. ފުރަތަމަ ފީނާފައިވަނީ ތޫފާނުގެ ހާދިސާގެ އެއްމަސް ފަހުންނެވެ. ދެވަނަ ފަހަރަށް ހަ މަސް ފަހުން ފީނާފައި ވާއިރު ތިންވަނަ ފަހަރަށް ފީނައިގެން ފިޖީގެ ފަރުތައް ބަލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ.

ފަރުތަކަކީ ހަލާކުވެގެން ދިޔަ ނުދީ ބަލަހައްޓަން ޖެހޭ ތަންތަނެވެ. އެކި ވައްތަރު ތަކުގެ މަސް ފަރުތަކުގައި އުޅުމުގެ އިތުރުން، ބިލިއަނެއްހާ މީހުންގެ ކެއުމާއި އާމްދަނީ ބަރޯސާ ވެފައިވަނީ ފަރުތަކަށެވެ.