އުތުރު ކޮރެޔާގައި ހުރި ނިއުކްލިޔަރ ހަތިޔާރާއި އެތަކެތި އުފައްދާ ޕްލާންޓުތައް ނައްތާލުމުގައި ޢަމަލު ކުރަމުންދާނެ ގޮތް، އެޤައުމުން ހާމަކޮށްފިއެވެ. އުތުރު ކޮރެޔާގެ ފޮރިން މިނިސްޓްރީން، މިކަމުގައި ޢަމަލު ކުރަމުންދާނެ ގޮތް އާއްމުކޮށްފައިވަނީ އިއްޔެއެވެ.

އެޤައުމުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ބޭނުންކުރި ޕްލާންޓެއް ގޮއްވާލުމަށްވަނީ ނިންމާފައެވެ. އަދި، އެނޫންވެސް އެފަދަ ތަކެތި ނައްތާލުމަށް ހަމަޖެހިފައިވާއިރު، އެކަންކަން ބަލާލުމަށް އެމެރިކާ އާއި އިނގިރޭސިވިލާތުގެ ނޫސްވެރިންނަށް ފުރުޞަތު ދޭނެކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން، މޫސުން ކުރިއަށް ލަފާކުރާ ގޮތް ބެލުމަށްފަހު، އެންމެ އަވަސްވެގެންވެސް، މި މަހުގެ 23 ވަނަ ދުވަހު، މި ތަކެތި ނައްތާލުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި، ދެ ފުށް ފެންނަ ގޮތެއްގައި ކަންކަން ކުރިއަށް ގެންދިޔުމަށް، ނޫސްވެރިންނަށް އެތަނުގައި ތިބެގެން ކަވަރޭޖުތައްވެސް ކުރިއަށް ގެންދެވޭނެކަމަށް ބުނެފައިވެއެވެ.

މި އުސޫލުތައް ހާމަކޮށްފައިވާއިރު، ކުރިން އެންގުމަކާ ނުލައި، ދެން އެޤައުމުން އެއްވެސް މިސައިލު ޓެސްޓެއްވެސް ކުރިއަށް ނުގެންދާނެކަމަށްވަނީ ހާމަކޮށްފައެވެ. މިގޮތަށް، ކުރިން އެންގުމަކާ ނުލައި މިސައިލު ޓެސްޓުތައް ކުރިއަށް ގެންދާތީ، ބައެއް ފަހަރު މަތިންދާބޯޓުތަކަށް ނުރައްކާ ފޯރައެވެ.

އުތުރު ކޮރެޔާގެ މި ނިންމުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ހަވީރުވަނީ މަރުޙަބާ ކިޔާފައެވެ. އަދި، މިއީ ދެ ވެރިންގެ މެދުގައި އޮންނަ ބަދަލުވުމުގެ ކުރިން އެޅުނު ހެޔޮ ފިޔަވަޅެއްގެ ގޮތުގައި ޓްރަމްޕް ސިފަކޮށްފައިވެއެވެ. ޓްރަމްޕް އާއި ކިމް ޖޮންގ އުންގެ ބައްދަލުވުން އޮތީ އަންނަ މަހު، ސިންގަޕޫރުގައެވެ.