އެމެރިކާގެ ރިޔާސީގަނޑުވަރު ވައިޓްހައުސްގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް ވައިޓްހައުސްގެ ބޭރުގައި ބަޑި ޖެހުމުން ނޫސްވެރިންގެ ބައްދަލުވުން މެދުކަނޑާލައިފިއެވެ.

ވައިޓްހައުސްގެ ބްރީފިން ރޫމްގައި ނޫސްވެރިންގެ ބައްދަލުވުމުން ކުރިއަށް ދަނިކޮށް ބާރުގަދަ އަޑުތަކެއް އިވުނު ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ބުނެއެވެ. ބާރުގަދަ އާޑުތައް އިވުމާއި އެކު ސީކްރެޓް ސާވިސްގެ ބެލުމުގެދަށުން ޓްރަމްޕް ވަނީ ބްރީފިން ރޫމުން ނެރެފައެވެ.

ނަމަވެސް އިރުކޮޅެއް ފަހުން އަނެއްކާވެސް ބްރީފިން ރޫމަށް އައިސް ޓްރަމްޕް ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދިޔައެވެ. ނޫސްވެރިންގެ ބައްދަލުވުން ފަށަމުން ޓްރަމްޕް ބުނީ އިބުނު ބާރުގަދަ އަޑަކީ ތުހުމަތު ކުރެވޭ މީހަކަށް ސީކްރެޓް ސާވިސްގެ އޮފިސަރުން ބަޑިޖެހި އަޑު ކަމަށެވެ.

ތުހުމަތު ކުރެވުނު މީހާ އަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާގެ ހާލަތާއި ގުޅޭ މައުލޫމާތެއް އަދި ނުލިބެއެވެ.

އެމެރިކާގައި އާއްމު ތަންތަނުގައި ބަޑި ޖެހުމަކީ ވަރަށް އާއްމު ކަމެކެވެ. މީޑިއާތަކުން ބުނާ ގޮތުގައި ކުރިއަށް ވުރެ ވެސް ގިނައިން ފާއިތުވި ދެތިން މަސް ދުވަހުގެ ތެރޭގައި ބަޑި ޖެހުމުގެ ހާދިސާތައް އެމެރިކާގައި ހިނގާފައި ވެއެވެ. ހާއްސަކޮށް ޖޯޖް ފްލޮއިޑް މަރުވި ފަހުން ސަލާމަތީ ބާރުތަކަށް އަމާޒުކޮށް އާއްމުން ބަޑިން ހަމަލާ ދިނުން ވަނީ އިތުރު ވެފައެވެ.

ބަޑި ޖެހުމުގެ ހާދިސާތަކުގައި އެމެރިކާގައި ކޮންމެ އަހަރަކު އެތައް ސަތޭކަ ބަޔަކު މަރުވެގެން ދިޔަ ނަމަވެސް އާއްމުން ބަޑި ގެންގުޅުން މަނާ ކުރުމާއި ރައީސް ޓްރަމްޕް ވަރަށް ބޮޑަށް ދެކޮޅެވެ.

ކިޔުންތެރިންގެ ހިޔާލު