ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިސްރާއިލް އިން ފައްސިވީ މީހުންގެ އަދަދު ދެލައްކައަށް އަރައިފި އެވެ.

އެޤައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު ދެލައްކައަށް އަރާފައި މިވަނީ، އިއްޔެވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމާއި ގުޅިގެންނެވެ. އެޤައުމުން ފައްސިވީ މީހުންގެ އަދަދު އެއްލައްކައިން ދެލައްކައަށް އަރާފައި މިވަނީ ފާއިތުވެދިޔަ މަހެއްހައި ދުވަސް ތެރޭގައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިސްރާއިލް އިން އިއްޔެ އެކަނިވެސް އިތުރު 6,667 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނު ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއާއެކު އެޤައުމުން މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 200,041 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ އިސްރާއިލް އަށް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު، އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރު ވަމުންނެވެ. މިގޮތުން އިއްޔެ އިތުރު 31 މީހަކު ހިމެނޭހެން މިހާތަނަށް އެޤައުމުން ޖުމްލަ 1,316 މީހަކު ވަނީ މަރުވެފައެވެ.

އިސްރާއިލް އަކީ މިވަގުތު ދުނިޔެއިން 24 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޤައުމެވެ. އިދާރާތަކުން ބުނެފައިވާ ގޮތުން، އެޤައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 144,401 މީހަކު ވަނީ ރަނގަޅުވެފައެވެ. އޭގެތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭ ރަނގަޅުވިކަމަށް ރެކޯޑް ކުރެވިފައިވާ 3,650 މީހަކު ހިމެނެއެވެ.

9 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިސްރާއިލްގައި މިވަގުތު ކޮވިޑް-19 އަށް ފަރުވާދެމުންދާ 54,324 އެއްހައި މީހުންގެ ތެރެއިން 600 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ. އެހެންކަމުން އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރުވެގެން ގޮސްދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެންމެ ފުރަތަމަ އިސްރާއިލް އިން ކޮވިޑް-19 ވެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެޤައުމުގައި ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި ވަނިކޮށް، ބަލީގެ ނުރައްކާ އިތުރުވެ ހާލަތު އިތުރަށް ގޯސްވާން ފެށީ މިދިޔަ ޖޫން މަހުގެ މެދެއްހައި ހިސާބުން ފެށިގެންނެވެ.

ޖޫން މަހުން ފެށިގެން އިސްރާއިލްގައި އާދަޔާއި ޚިލާފަށް ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ، އެޤައުމުގައި ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަލުން އަޅައި ފުރަބަންދުގެ ހާލަތުވެސް ގެނެސްފައެވެ. ނަމަވެސް މި އުސޫލުތަކާއި ޚިލާފަށް، އެކަމާއި މެދު ނުރުހުންވާ އިސްރާއިލްގެ ގިނަ ބަޔަކު އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު