ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އިންޑޮނޭޝިއާއިން މަރުވި މީހުންގެ އަދަދު 10،000 އަށް އަރައިފިއެވެ.

އިންޑޮނޭޝިއާއަކީ ދުނިޔެއިން 23 ވަނަ އަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާ ގައުމެވެ. އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 262،022 އަށް އަރާފައެވެ. އިއްޔެ އެކަނިވެސް އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4400އަށްވުރެ މައްޗަށް އަރާފައެވެ.

މިއީ އެ ގައުމުގައި އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ފުރަތަަމަ ފަހަރެވެ.

މި މަސް ފެށިގެން އެ ގައުމުގައި ކޮވިޑް-19ގެ ނުރައްކާ އޮތީ ބޮޑުވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަސް ފެށިގެން އެ ގައުމުގައި ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ފައްސިވާ މީހުންގެ އަދަދު 3000 އިން މައްޗަށް ވަނީ އަރާފައެވެ.

އަދި އެ ގައުމުން މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 10،105 އަށް އަރާފައެވެ. އެ ގައުމުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ 128 މީހެކެވެ.

ބަލީގެ ނުރައްކާ ބޮޑުވެފައިވާ ގައުމެެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އިންޑޮނޭޝިއާގައި މިހާތަނަށް މި ބަލި ޖެހުނު 191،853 މީހަކު ރަނގަޅު ވެފައި ވެއެވެ. އިންޑޮނޭޝިއާގައި މިހާރު ބަލި ޖެހިގެން ފަރުވާދެމުން ދަނީ 60،000 މީހަކަށެވެ.