ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެމެރިކާގައި ފުރާވަރުގެ ކުދިންނަށް ބޮޑު ޕާޓީއެއް ބޭއްވި މައްސަލާގައި ބަޔަކަށް ދައުވާކުރަން ނިންމައިފިއެެވެ.

ފުލުހުން ދައުވާ ކުރަން ނިންމީ ފުރާވަރުގެ ކުދިންނަށް ބޮޑު ޕާޓީއެއް ބޭއްވި ބެލެނިވެރިންނަށާއި އެ މީހުންގެ ފުރާވަރުގެ ދަރިފުޅަށެވެ. އެ ޕާޓީގެ ސަބަބުން އެމެރިކާގެ އެ ހިސާބުގަނޑުގެ ސްކޫލްތައް ހުޅުވުން ލަސްކުރަން ވަނީ މަޖުބޫރުވެފައެވެ. އެއީ އެ ޕާޓީއަށް ދިޔަ ހުރިހާ ކުދިން 14 ދުވަސް ވަންދެން ކަރަންޓީނުކުރުމުގެ ގޮތުންނެވެ.

މި މަހުގެ ކުރީކޮޅު ބޭއްވި އެ ޕާޓީއަށް ފުލުހުން ރެއިޑް ކުރުމުން ޕާޓީގައި ތިބި ފުރާވަރުގެ ބައެއް ކުދިން ވަނީ ވަލުތެރެއަށް ވަދެ ފިލާފައެވެ. އެ ޕާޓީ އިން ރާ ބުއިމުގެ ހުއްދަ އެ ގައުމުގައި ނެތް އުމުރުގެ ކުދިން ރާ ބޯން ތިއްބާ ވަނީ އަތުލައިގަނެފައެވެ. އެ އެންމެންނަކީވެސް ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯ ނުލަނބާ އެ ޕާޓީއަށް ދިޔަ މީހުންނެވެ.

އަދި އެ ޕާޓީއަށް ދިޔަ މީހުން ފުލުހުންނަށް އިންޒާރު ދީފައިވާ ކަމަށްވެސް ވެއެވެ.

ޕާޓީއަށް ދިޔަ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ދެނެގަތުމުގެ މަސަައްކަތް ފުލުހުން ދަނީ އަދިވެސް ކުރަމުންނެވެ.

އެ ޕާޓީ ބޭއްވި މީހުން ދެނެގަނެ އެ މީހުންނަށް ދައުވާކުރަން ފޮނުވާފައިވާއިރު އެ މައްސަލަ ކޯޓުގައި ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށް ބެލެވެއެވެ.

އަދި ފުލުހުން ވަނީ އެފަދަ ހަރަކާތްތައް ނުބޭއްވުމަށް ބާރު އަޅާފައެވެ. އަދި އެ ފަދަ ޕާޓީތަކަށް ތާއީދުކޮށް މީސްމީޑިއާ މެދުވެރިކޮށް ކޮމެންޓް ނުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.

އެމެރިކާގައި ކޮވިޑް-19 އާއި ގުޅިގެން 200،00 މީހުން ވަނީ މަރުވެފައެވެ. އަދި މިފަދަ ޕާޓީތައް ބާއްވާތީ އެމެރިކާގެ އެކި ހިސާބުތަކުން ސްކޫލްތައް އަލުން ހުޅުވުމުގައި ވަނީ ދަތިތައް ދިމާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު