އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވިފަހުން، އޭނާގެ ސިއްހީ ހާލާއި ބެހޭ އެކަށީގެންވާ މަޢުލޫމާތު އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންޓެލިޖެންސް ކޮމިޓީއަށް ފޯރުކޮށްދެމުން ނުދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަސްދަރުތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާގޮތުން، ޤާނޫނުހަދާ މަޖިލީހުގެ އަށް މެމްބަރުންގެ މައްޗަށް އެކުލެވޭ، މަޖިލީހުގެ އެންމެ ބާރުގަދަ މި ކޮމިޓީ އަށް ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވިފަހުން މަޢުލޫމާތު ސިއްރުކުރަން ވައިޓްހައުސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރަސްމީ ފަރާތަކުން އަދި މިކަމާއި ގުޅޭގޮތުން އެއްޗެއް ބުނެފައެއްނުވެއެ.

މި ކޮމިޓީއަކީ ޓްރަމްޕް އަށް މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތެއްގައި ނައިބު ރައީސް އާއި ޤައުމު ހިންގަން ހަވާލުކުރަން ހުށަހެޅުމުގެ ބާރު ލިބިގެންވާ ކޮމިޓީއެކެވެ. އެމެރިކާގެ ރައީސް އާއި ޤައުމަށް ކުރިމަތިވާ ނުރައްކާތަކާއި ގުޅޭ ހުރިހާ މަޢުލޫމަތެއް އިންޓެލިޖެންސް ކޮމިޓީއާއި ޙިއްސާކުރަން އިދާރާތަކަށް ލާޒިމުވާނެއެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންޓެލިޖެންސް ކޮމިޓީއަށް ޓްރަމްޕްގެ ސިއްޙީ މަޢުލޫމާތުތައް ފޮރުވަން މަސައްކަތްކުރާކަމުގެ އަޑުތައް ފެތުރިފައި ވާއިރު، ވައިޓް ހައުސް އިން ދާދި ދެންމެއަކު ވަނީ ޓްރަމްޕްގެ މަޤާމުގެ ޒިންމާތައް ނައިބު ރައީސް، މައިކް ޕެންސް އާއި އާއި ހަވާލު ކުރަން ނުނިންމާ ކަމަށް ބުނެފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ޓްރަމްޕް ޒިންމާތައް އަދާކުރަމުންދާނީ ހޮސްޕިޓަލުގައި ރައީސަށް ޚާއްސަ ކުރެވިފައިވާ އޮފީހގައި ކަމަށާއި، އެކަމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށްވެސް ވައިޓްހައުސް އިން ވަނީ ބުނެފައެވެ.

ވައިޓްހައުސްގެ އޮފިޝަލުން ވިދާޅުވާ ގޮތުން ޓްރަމްޕް އަށް ކޮވިޑް-19 ގެ އަލާމާތްތައް ފެންނަމުން ދިޔަނަމަވެސް އޭނާގެ ހާލު ރަނގަޅެވެ. ނަމަވެސް ވައިޓްހައުސްގެ ޑޮކްޓަރު ކުރިން ވިދާޅުވެފައިވަނީ ޓްރަމްޕް ހުރީ ވަރަށް ބޮޑަށް "ވަރުދެރަވެފައި" ކަމަށެވެ. އެކަމާއި ގުޅޭގޮތުން ފަހުން އެހެން އޮފިޝަލަކު ވިދާޅުވީ، ޓްރަމްޕްގެ ފަރާތުން ވަރުބަލިކަން ފެންނަމުން ދަނީ މުޅި ދުވަހު އެކީ މަސައްކަތުގައި އުޅުމުން ކަމަށެވެ.

ކޮވިޑް-19 އަށް ފައްސިވިތާ މާގިނައިރެއް ނުވެ ޓްރަމްޕް އަށް ވަނީ މި ބަލީގެ އަލާމާތްތައް ފެންނަން ފަށާފައެވެ. އާންމުކޮށް ކޮވިޑް-19 ގެ އަމާލާތްތައް ފެންނަން ފަށަނީ ބަލި ޖެހޭތާ ފަސް ވަރަކަށް ދުވަސް ފަހުންނެވެ. އުމުރުން 74 އަހަރުގެ ޓްރަމްޕަކީ ކޮވިޑް-19 ގެ ހިރާސް ބޮޑު (ހައިރިސްކު) ކެޓަގަރީގައި ހިމެނޭ މީހެކެވެ.

ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ގޭގައި އެކަހެރިވެގެން ހުރުމަށްފަހު ޓްރަމްޕް ހޮސްޕިޓަލަކަށް ބަދަލުކުރާތީ، އޭނާގެ ހާލު ގޯސްވަމުން އަންނައިރުވެސް އެކަން ސިއްރުކުރަން މަސައްކަތްކުރާ ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސސެރއެ

    އެއްވެސް ރައީސަކީ އެގައުމެއްގެ ނައިބު ރައީސަށް އިތުބާރު ކުރާނެ މީހެއް ނޫން،. އެކަން މިގައުމުން އަހަރުމެންނަ ސާފް ވެއްޖެ. ގާނޫނުގައި ބުނާތީ އައްޔަން ކުރާ މީހެއް. އެހެން ނޫންނަމަ ނައިބު ރައިސެއް ނުހުންނާނެތާ؟ އެކުއެކީގައި މަސައްކަތްކުރިއަސް އެންމެ އިތުބާރު ނުކުރާނެ މީހަކީ އެއީ، ނައިބު ރައިސަކީ އަބަދުވެސް ވެރިކަމަށް ދަހިވެތި ވާނެ މީހެއް. ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ރައީސް މީހާ ވައްޓާލާފަ ނަމަވެސް ވެރިކަމުގެ ލައްޒަތު ލިބިގަންނަން މަސައްކަތްކުރާނެ މީހެއް. އެހެން ކަމުން ނައިބު ރައީސަކު ހޮވުމަކީ އެންމެ ރަގަޅު އުޞޫލު ކަމުގައި ނުވޭ. އ