ތަކުރާރުކޮށް ރައްކާތެރިކަމުގެ އުސޫލުތަކާއި ޚިލާފުވެ އުޅެނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެޤައުމުގެ އިސް ސައިންސްވެރިއެއް ކަމަށްވާ ޑރ. ޖޯން މެލާސްގެ ހޫނު ރައްދެއް ޓްރަމްޕް އަށް އަމާޒުކުރައްވައިފި އެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ޕިޓްސްބާގް މެޑިކަލް ސެންޓަރުގެ އިންފެކްޝިއަސް ޑިޒީޒެސްގެ ވެރިޔާގެ މަޤާމުގައި ހުންނަވާ ޑރ. ޖޯން، ޓްރަމްޕް އާއި ބައްދަލުވި އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ގޮވާލައްވަމުން ވިދާޅުވީ، މިއީ އުސޫލުތަކަށް ތަބާނުވާ ފަރާތްތަކަށް ލިބިގެންދިޔަ ފިލާވަޅެއް ކަމަށެވެ.

ޑރ. ޖޯން ވިދާޅުވީ، ޓްރަމްޕް އާއި އޭނާގެ އަނބިމީހާ މެލާނިއާ ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވެފައި ވާނަމަ އެދެމީހުންނާއި ގާތުން ބައްދަލުވި އިތުރު އެތައް ބަޔަކަށް ބަލި ޖެހިފައިވެދާނެ ކަމަށެވެ. އެހެންކަމުން އެމެރިކާގެ އިސް އޮފިޝަލުންނާއި ކެބިނެޓް މެމްބަރުން މިކަމާއި މެދު ފުންކޮށް ވިސްނުމަށް ޑރ. ޖޯން ވަނީ ގޮވާލައްވާފައެވެ.

ޑރ. ޖޯން ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކާއި ބައްދަލުވުމަށްފަހު، ބަލި ހުރިތޯ ބެލުމަށް ކުރާ ފުރަތަމަ ޓެސްޓުގެ ނަތީޖާ ނައްސި (ނެގެޓިވް) ވިޔަސް އެއީ ބަލި ނެތީކަމަށް ނިންމައިގެން ނުވާނެ ކަމަށެވެ. އެހެންކަމުން އިތުރަށް އެކަން ޔަޤީންކުރެވެންދެން އެފަދަ މީހުން ކަރަންޓީނު ވާންޖެހޭނެ ކަމަށް ވެސް ޑރ. ޖޯން ވިދާޅުވިއެވެ.

"މި ޓެސްޓުތަކަކީ 100 އިންސައްތަ ޔަޤީން ނަތީޖާތައް ދައްކާ ޓެސްޓުތަކެއް ނޫން. އެހެންކަމުން ފުރަތަމަ ޓެސްޓުން ނައްސިވުމަކީ ކަރަންޓީވާން ނުޖެހޭނެ ސަބަބެއް ނޫން. އަދި އޭގެ މާނައަކީ ކޮވިޑް-19 ގެ ރައްކާތެރިކަމުގެ އުސޫލުތަކަށް ތަބާނުވެ އާންމު ދިރިއުޅުމުގައި އުޅެވޭނެއެކޭވެސް ނޫން،" ޑރ. ޖޯން ވިދާޅުވިއެވެ.

ޑރ. ޖޯން އިތުރަށް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެދެނީ އެންމެންގެ ރައްކަލަކަށްޓަކައި ކަމަށެވެ. މިގޮތުން މާސްކު އެޅުމަކީވެސް ބަލި ފެތުރުން ކުޑަވާ ކަމެއް ކަމަށާއި، އެއީ މާބޮޑު ބުރަ ކަމެއް ނޫންއިރުވެސް ބައެއް މީހުން މާސްކު އެޅުމަށް ސަމާލުކަން ނުދޭ ކަމަށެވެ.

އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ސިޔާސީ ކުލަ ޖެއްސުމުގެ ބަދަލުގައި، މާސްކު އެޅުންފަދަ ކަންކަން އާންމު ތަންތަނުގައި މަޖުބޫރުކުރުމުގެ އުސޫލު ވަގުތުން ވަގުތަށް އެކުލަވާލަން ޖެހިފައިވާ ކަމަށް ޑރ. ޖޯން ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގައި ފެތުރުނު ނުރައްކާތެރި އެއިޑް ފެތުރުން ކޮންޓްރޯލް ކުރުމާއި އެ ބައްޔަށް ފަރުވާއެއް ހޯދުމުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޑރ. ޖޯން އަކީ، ކޮވިޑް-19 އާއި ގުޅިގެން އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަދި ބަލީގެ ނުރައްކާ ކުޑަކުރުމަށް އެކުލަވާލާފައިވާ ޔުނިވާސިޓީ އޮފް ޕިޓްސްބާގް ގެ ރެސްޕޮންސް ޓީމުގައި ވެސް ޑރ. ޖޯން އިސްކޮށް މަސައްކަތް ކުރައްވައެވެ.

ޓްރަމްޕް އަށް ކޮވިޑް-19 ޖެހުމާއި ގުޅިގެން ޑރ. ޖޯން އޭނާއަށް ހޫނު ރައްދެއް ދެއްވާފައި ވާއިރު، ޓްރަމްޕް ޤަބޫލުކުރާ ގޮތުގައި ކޮވިޑް-19 އަކީ މާ ނުރައްކާތެރި ބަލިމަޑުކަމެއް ނޫނެވެ. އެހެންކަމުން ކުރިން ބައެއް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ސިއްޙީ މާހިރުންނަށް ފުރައްސާރާއި މަލާމާތް ރައްދުކޮށް އޭނަ ދިޔައީ ވާހަކަ ދައްކަމުންނެވެ.

ޓްރަމްޕް ވަނީ ކޮވިޑް-19 އަށް ފައްސިވުމާއި ހަމައަށްވެސް މާސްކު އެޅުމާއި ދެކޮޅު ހަދާފައެވެ. މިގޮތުން އާންމު ބައްދަލުވުންތަކުގައި އާއި އެނޫންވެސް ތަންތަނުގައި އޭނާ މާސްކު ނާޅާތީ ކުރިންވެސް ތަޖުރިބަކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ކޮވިޑް-19 އަށް ފައްސިވިފަހުން މިރޭ ހޮސްޕިޓަލަށް ދިއުމަށް ވައިޓް ހައުސް އިން ނިކުތް ވަގުތު އޭނާ ހުރީ މާސްކެއް އަޅައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާދަމް

    ދެން ތި ހަދާ އެއްޗެއް ހަދާބަލަ. ބަލާބަލަ ކަލޭގެ ހުރި ނިކަ މެތިކަން.
    ﷲގެ ނިޢު މަތްތަކަށް އުރެދި ބިން މަތީގައި ބޮޑާވެ ފަސާދަކޮށް އަނިޔާވެރިވެ ކިބުރުވެރިވެގަތް މީހުން ނި މިގެން ދިޔަ ގޮތުގެ ވާހަކަ ﷲ ތަޢާލާ ވަނީ ޤުރުއާނުގައި ބަޔާންކޮއްދެއްވާފައި.

    35
    2
  2. ރާފިޢު

    ﷲ މިނުލަފާ ނުބައި މީހަޔަށް އިތުރު ފިލާވަޅެއް ދެއްވައި މުސްލިމުންނަށް އަނިޔާ ކުރާ ހުރިހާ އެންމެން ނިކަމެތި ކުރައްވާ ބަލިކަށި ކުރައްވާ ފާންދޭވެ. އަދި މުސްލިމުން މަތިވެރި ކުރައްވާ ﷲ ގެ ކަލިމަ މަތިވެރި ކުރައްވާފަންދޭވެ. އާމީން

    12
  3. ރެފްރީ

    އިހަކުންނުވިރައްކަލެއް ފަހަކުންނުވާނޭބުނެއުޅެނީ ހަމައެކަނި ދިވެހިން ދިވެހިބަހުންކަމަށްވެދާނެ !! އިނގިރޭސިބަހުންވެސް ކޮންމެވެސްއެއްޗެކޭ ބުނާނެކަންނޭގޭ ؟

  4. ކުރަފި

    ކާފަރު މީހާއަށް ވޭންދެނިވި ބައްޔެއް ކަމުގާލައްވާދޭ،،،،