ފުޅާދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ އެމެޒަން ކުންފުނީގެ 19،800 އަށް ވުރެ ގިނަ މުވައްޒަފުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އެމެޒަން ކުންފުނިން ބުނީ ވިހިހާހާ ގާތްކުރާ އަދަދަކަށް މުވައްޒަފުން ކޮވިޑަށް ފައްސިވީ މިދިޔަ މާރިޗު މަހުން ފެށިގެން ކަމަށެވެ. އެ ކުންފުނިން މިކަން ހާމަކޮށްފައި ވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެމެޒަން ކުންފުނީގައި މިލިއަނަކަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު ކޮވިޑަށް ފައްސިވި 1.4 އިންސައްތަ މުވައްޒަފުންނެވެ. އާންމުންނަށް ވައިރަސް ޖެހިފައިވާ މިންވަރަށް ބަލައި އެ ކުންފުނިން ލަފާކުރަނީ ގިނަ ބަޔަކަށް ވައިރަހުގެ އަސަރު ކުރާނެ ކަމަށެވެ. ނަމަވެސް ވައިރަސް ޖެހިފައި ވަނީ އެ ކުންފުނިން ބަލި ޖެހޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 42 އިންސައްތަ މަދު މީހުންނަށެވެ.

އެމެރިކާގެ އެކި ހިސާބުތަކުގައި އެމެޒަންގެ ވިޔަފާރިތައް ހުރި އިރު ޖޯން ހޮޕްކިންސް ޔުނިވަސިޓީން ހާމަކުރި ކޮވިޑްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެމެރިކާގެ 7،263،419 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އެ ގައުމުން ކޮވިޑް ޖެހިގެން މިހާތަނަށް 207،465 މީހުން ވަނީ މަރުވެފައެވެ.

އެމެޒަން އިން ބުނީ އެ ކުންފުނިން ދަނީ ކޮންމެ ދުވަހަކުވެސް މުވައްޒަފުން ކޮވިޑަށް ޓެސްޓް ކުރަމުން ކަމަށާއި ނޮވެމްބަރުގެ ނިޔަލަށް އެމެރިކާގެ 650 ސަރަހައްދަކުން 50،000 ކޮވިޑް ޓެސްޓު ނެގޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމެރިކާގެ އިދާރާތަކުން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ވަޒީފާދޭ ފަރާތުގެ ޒިންމާތަކުގެ ތެރޭގައި ވަޒީފާ ލިބޭ ފަރާތަށް އެކަށީގެންވާ ރައްކާތެރި މާހައުލެއް ހޯދައިދިނުން ހިމެނެއެވެ. އެމެޒަން އިން ބުނީ މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ގައިދުރުކަން ބެހެއްޓުމަށާއި މުވައްޒަފުން ބޭނުންވާ މާސްކުވެސް ދީފައިވާކަމަށެވެ. އަދި މަސައްކަތްކުރާ ތަން ކޮންމެ 90 މިނެޓުން ސާފު ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފައްޔާޒު

    ދިވެހި ރާއްޖޭގެ ކުންފުނި ތަކުން މިއުޅެނީ އަތްދޮވެލާނެ ފުޅިއެއް ، ސެނެޓައިޒާ ފުޅިއެއް މޫނުގަ އަޅާނެ މާސް ކު ގަނޑެއް ދޭންޖެހުނައް ބޮޑުކަމަކައް ވެގެން.