ކޮވިޑް-19 އަށް ފައްސިވެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިން އަވަހަށް ރަނގަޅުވާނެހެން ޑޮކްޓަރުގެ އިރުޝާދުތަކަށް ބޯލަނބައި ބުނާ ގޮތަށް ހެދުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިލްތިމާސްކުރައްވައިފިއެވެ.

ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭގެ ފަހުން ހާލު ދެރަވެގެން މިހާރު ވަނީ އަސްކަރީ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށް ފަރުވާ ދޭން ފަށައިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓްރަމްޕް ގެ ގައިން ބަލީގެ އަލާމާތްތައް މިހާރު ވަނީ ފެންނަން ފަށާފައެވެ. އަދި ލޭ ދަށްވާ ކަމަށްވެސް ޑޮކްޓަރުންނާއި ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އިނގިރޭސި ބޮޑުވަޒީރު ޖޯންސަން އަކީވެސް ކޮވިޑް-19 އަށް ފައްސިވެ ރަނގަޅުވެފައިވާ ބޭފުޅެކެވެ. އެމަނިކުފާޏު ވަނީ މާޗް މަހުގެ ފަހު ހަފްތާގައި ހޮސްޕިޓަލަށް ގެންގޮސް ތިން ދުވަސްވަންދެން އައިސީޔޫގައި ފަރުވާ ދެއްވާފައެވެ.

ބީބީސީއަށް ދިން އިންޓަވިއުއެއްގައި ޖޯންސަން ވިދާޅުވީ، ޓްރަމްޕްގެ ހާލު ރަނގަޅުވާނެ ކަމަށާއި އޭނާއަށް ދެމުން އަންނަނީ އެންމެ ފުރިހަމަ ފަރުވާ ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ ޑޮކްޓަރުންގެ އިރުޝާދުތައް އަޑު އަހައިގެން އެކަން ކުރުން" ޖޯންސަން ވިދާޅުވިއެވެ.

ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެނގުނީ އޭނާގެ އިސް އެހީތެރިއެއް ކަމަށްވާ ހޯޕް ހައިކްސް ކޮވިޑް-19 އަށް ފައްސިވުމުން ހެދި ޓެސްޓުންނެވެ. މި ދެމީހުން ވަނީ އަންގާރަ ދުވަހު އެކީގައި ދަތުރުކޮށްފައެެވެ.

އުމުރުން 74 އަހަރުގެ ޓްރަމްޕަކީ ކޮވިޑް-19ގެ ހިރާސް ބޮޑު (ހައިރިސްކު) ކެޓަގަރީގައި ހިމެނޭ ފަރާތެކެވެ. އޭނާ ބަލިން ފަސޭހަވިކަމުގައި ވިޔަސް އެޤައުމުގެ ރައްޔިތުން އޭނާ ދައްކާފައިވާ ވާހަކަތަކަށް އެނާއަށް މައާފެއް ނުކުރާނެ ކަމަށް ގިނަބަޔަކު ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯހަރު

    އެސޮރު ވަރައް ބުނާބަސް އަޑު ނުއަހާނެ އެއީވަރައް ސިޔާސަކުއްޖެއް ވަރައް ބޯވެސް ހަރުވާނެ ރަނގަޅުވާނީ އެއްޗެއްނުބުނެ މަޑުން ހުރިއްޔާ