ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިއްޔެ ސައުދީން އިތުރު 390 މީހަކު ފައްސިވެފައިވާއިރު، މިއީ ފާއިތުވެދިޔަ ހަ މަހެއްހައި ދުވަސް ތެރޭގައިވެސް އެޤައުމުން އެންމެ މަދު ބަޔަކު ފައްސިވީ ފަހަރު ކަމަށް އިދާރާތަކުން ބުނެފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރަމުން އެޤައުމުގެ ހެލްތު މިނިސްޓްރީން އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ، ސައުދީގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުރިޔާއި އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. މިގޮތުން ބަލީގެ ވޭދަނަތައް (ކޭސްތައް) ފެންމަތިވާ މިންވަރު 7.6 އިންސައްތަ ދަށްވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ސައުދީން އިއްޔެ ފައްސިވި 390 މީހުން ހިމެނޭހެން އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 336,387 އަށް އަރައެވެ. ނަމަވެސް މީގެތެރެއިން ގިނަ އަދަދެއްގެ ބަޔަކު ބަލިން ރަނގަޅުވެ، މިވަގުތު ފަރުވާދެމުން ދަނީ 10,027 މީހަކަށެވެ.

ސައުދީގެ ހެލްތު މިނިސްޓްރީން ވިދާޅުވެފައިވަނީ ކޮވިޑް-19 ޖެހިގެން އިއްޔެ އެޤައުމުން އިތުރު 25 މީހަކު މަރުވެފައިވާ ކަމަށެވެ. މިއާއެކު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 4,875 ގައެވެ.

ސައުދީގައި ކޮވިޑް-19 އަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން 955 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން އެޤައުމުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ބަލީގައި މަރުވަ މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ބިރު އެބައޮތެވެ.

ކޮވިޑް-19 ގެ ކުރީކޮޅު ދުނިޔެއިން ބަލީގެ ހާލަތު އެންމެ ގޯސްވަމުން ދިޔަ ޤައުމުތަކުގެ ތެރޭގައި ސައުދީ ހިމެނެއެވެ. މިގޮތުން އެޤައުމަށް ބަލީގެ ނުރައްކާ އެންމެ ބޮޑުވެގެން ދިޔައީ އޭޕްރިލް މަހާއި މިދިޔަ ޖުލައި މަހާއި ދެމެދުއެވެ. މިކަމާއި ގުޅިގެން ސައުދީގައި ވަނީ ހަރުކަށި ފުރަބަންދުގެ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

ފާއިޔުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ސައުދީގެ ހާލަތު ރަނގަޅުވަމުން އަންނާތީ އެޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އަދި ހަތް މަހަށްފަހު ސައުދީގައި ހުންނަ މުސްލިމުންގެ މާތްވެގެންވާ ދެހަރަމްވެސް ވަނީ އަލުން ހުޅުވާފައެވެ. ނަމަވެސް މިވަގުތު ހަރަމްފުޅުގައި އަޅުކަންކުރުމުގެ ފުރުސަތު ދެނީ، ކަނޑައެޅޭ ވަކި އަދަދަކަށް ހަމައެކަނި ސައުދީގައި ދިރިއުޅޭ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު