އާއްމު ރައްޔިތަކު ބައްޔެއް ވުމާއި ގައުމެއްގެ ވެރިއަކު ބަލިވުމުން ތަފާތުތަކެއް ހުރެއެވެ. ގައުމުގެ ވެރިމީހާއަށް ދޭ ސަމާލުކަން އިތުރެވެ. އަދި އޭނާ އަށްދޭ ފަރުވާ ވެސް ތަފާތު ވެއެވެ. މީގެ އިތުރުން އާދައިގެ ގައުމެއްގެ ވެރިއަކު ބަލިވުމާއި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުގެ ވެރިމީހާ ބަލިވުމުން ވެސް ތަފާތެވެ. މިއުސޫލުން ބަލާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވުމުން އޭނާ އަށް ދިން ފަރުވާ އާއި އޭނާއާއި މެދު ކަންތައް ކުރެވިގެން ދިޔަ ގޮތް ވެސް ތަފާތެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ތެރެއިން ހާލު ސީރިއަސް ވެދާނެ ވަރަށް ގިނަ ޝަރުތުތައް ޓްރަމްޕްގެ ކިބައިގައި ހަމަވި ނަމަވެސް ވަރަށް އަވަހަށް ޓްރަމްޕް މިވަނީ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައެވެ. މިހާރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޓްރަމްޕަށް އެމެރިކާގެ ޑޮކްޓަރުން ދިން ފަރުވާ އަކީ އެމެރިކާގެ އެއްވެސް ރައްޔިތަކަށް މިހާތަނަށް ދީފައިވާ ފަރުވާއެއް ނޫނެވެ. އަދި ބޮޑަށް ގަބޫލު ކުރެވޭ ގޮތުގައި ޓްރަމްޕް ފިޔަވައި ދުނިޔޭގެ އެހެން އެއްވެސް މީހަކަށް ވެސް ޓްރަމްޕަށް ދިން ފަދަ ފަރުވާއެއް ކޮވިޑް-19 ޖެހިގެން ދީފައެއް ނުވާނެއެވެ.

ކޮވިޑް-19 އަށް ޓްރަމްޕް ފައްސިވުމާއި އެކު ފުރަތަމަ ވެސް ދިން ބޭހަކީ އަދި މިހާތަނަށް އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދީފައި ނުވާ ބޭހެކެވެ. "ރެގެނެރޮންސް" ކުންފުނިން އުފައްދާފައިވާ އެބޭހަކީ ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ދިނުމަށް އުފައްދާ ބޭހެކެވެ. ނަމަވެސް ބޭސް އަދި އޮތީ ތަހްލީލް މަރުހަލާގައެވެ. މިހާތަނަށް ތަހްލީލް ކުރުމަށް 275 މީހަކަށް ބޭސް ދީފައި ވާއިރު ރަނގަޅު ނަތީޖާތަކެއް ފެނިފައި ވެއެވެ.

ރަސްމީ އިދާރާތަކުން ހުއްދަ ދީފައި ނުވާ ބޭހެއް ޓްރަމްޕަށް ދިނީ ޑޮކްޓަރުންގެ ވަރަށް ބޮޑު އިތުބާރެއް އެބޭހަށް ލިބިފައި ވާނެތީކަން ޔަގީނެވެ. ނަމަވެސް ޓްރަމްޕް ނޫން އެހެން އެއްވެސް މީހަކަށް ބޭނުންވާއިރަށް އެބޭސް ލިބުމުގެ ފުރުސަތެއް އަދި ނެތެވެ.

ޓްރަމްޕަށް ދެން ދިން ބޭހަކީ "ރެމްޑެސިވިއާ" އެވެ. އެމެރިކާ ފިޔަވައި އެހެން ގައުމުތަކުގައި މިބޭސް ކޮވިޑް-19 ޖެހޭ މީހުންނަށް ދެއެވެ. ނަމަވެސް އެމެރިކާގެ އެފްޑީއޭ އިން މިބޭސް ބޭނުން ކުރުމުގެ ހުއްދަ ނުދީ އޮތީ ބޭހުގެ ސަބަބުން ބައެއް ސައިޑް އިފެކްޓްތައް ކުރިމަތިވާ ކަމަށް ބެލެވިގެންނެވެ. ޓްރަމްޕަށް މިބޭސް ދިނީ ވެސް އެފްޑީއޭގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ޓްރަމްޕަށް ދިން ތިން ވަނަ ބޭހަކީ "ޑެޒަމެތަސޯން" ނަމަކަށް ކިޔާ ބޭހެކެވެ. ވަރަށް އަގުހެޔޮ މިބޭހަކީ ވެސް ކޮވިޑް-19 އަށް ފައްސިވާ ބައެއް މީހުން ދީފައިވާ ބޭހެކެވެ.

ޓްރަމްޕަށް ދިން ތިން ބޭހުގެ ތެރެއިން ދެބޭހަކީ މިހާރުވެސް ބައެއް ގައުމުތަކުގައި ބޭނުން ކުރާ ބޭހެއް ކަމަށް ވީނަމަވެސް ޓްރަމްޕަށް ބޭސް ދިން ގޮތް ތަފާތެވެ. ޓްރަމްޕަށް ދިން ތިން ބޭސް އެއްކޮށްގެން ދިނުން އެއީ "ސީއެންއެން" އިން ބުނާ ގޮތުގައި އަދި މިހާތަނަށް ދުނިޔޭގެ އެއްވެސް ހޮސްޕިޓަލެއްގައި ކުރިކަމެއް ނޫނެވެ.

ހީކުރެވިފައި އޮތް ގޮތާއި ހިލާފަށް ޓްރަމްޕް މާއަވަހަށް ބަލިން ރަނގަޅުވި ސަބަބަކީ މިތިން ބޭސް އެއްކޮށް ދިނުން ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. ނަމަވެސް މިތިން ބޭސް އެއްކޮށްގެން ބޭނުން ކުރުމުގެ ފުރުސަތު ޓްރަމްޕް ފިޔަވައި އިތުރު އެއްވެސް މީހަކަށް ނެތެވެ.

މިހާތަނަށް ފެންނަން އޮތީ ކޮވިޑް-19 އަށް ފުރަތަމަ ފައްސިވާ ދުވަހު ބަލީގެ އަލާމާތްތައް ފެންނަން ހުންނަ މީހުން 10 ދުވަހާއި 12 ދުވަހާއި ދެމެދު އައިސީޔޫގައި ފަރުވާ ދޭން ޖެހުނު މަންޒަރެވެ. ޓްރަމްޕް ފުރަތަމަ ކޮވިޑް-19 އަށް ފައްސިވި ދުވަހު ވެސް އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުނެވެ. ނަމަވެސް ޓްރަމްޕްގެ ހާލު ސީރިއަސް ނުވެ އޭނާގެ ހާލު މިވަނީ ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ޑިމޮކްރަސީގެ ބައްޕަކަމަށް ދައުވާކުރާ އެމެރިކާގެ ރައީސްގެ ކިބާގައި އެ ހުރީ ފިރުއައުނުގެ ސިފަ! އޭނާ ނޫން މީހަކަށް ނޫނީ އޭނަ ބޭނުންވާ މީހަކަށްނޫނީ ރަގަޅު ފަރުވާއެއްވެސް ދޭކަން ބޭނުމެއްނުވޭ!

    35
    4
  2. މަހުދީ

    އުފާވަެރިހަބަރެއް.

    4
    30
  3. ފާތުން

    މުއްސަދިންނާއި ފަޤީރުން ތަފާތުކުރުން މިފެންނަނީ.😡

    39
    1
  4. ޙަސަން

    ތިހުރީ ހައްތާވެސް މާތްﷲ ކުރައްވާ އިމްތިޙާންތަކެވެ.

    43
    1
  5. އަޙްމަދު

    މި އިންވެސް އެގިގެން ދިޔަކަމަކީ ﷲ ގެ އޯގާވަންތަކަން. އަނިޔާވެރިއްނައް މުހުލަތު ދެއްވަނީ އިސްލާހް ވެ ތައުބާވޭތޯއެވެ. ފިރުޢައުނައްވެސް ފުރުސަތު ލިބުނު

    12
    2
  6. ައޮފްބެ

    ﷲ ގެ ކުޅަދުންވަންތަކަން!

    12