އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަގު ދަރިފުޅު ބެރޮން އަށް ކޮވިޑް-19 ޖެހިފައި ހުރީ ހީވާ ގޮތުގައި ދެސިކުންތު ވަންދެން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ އިއޯވާގައި ކުރިއަށް ދިޔަ ކެމްޕޭން އެއްވުމެއްގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ އުމުރުން 14 އަހަރުގެ ބެރޮން އަށް ކޮވިޑް-19 ޖެހުނުހެން "ހީވެސްނުވާކަމަށެވެ."

"ކަލޭމެންނަށް އެނގޭތަ ބެރޮން އަށް ވެސް ކޮރޯނާ-19 ޖެހިއްޖެ. އެއީ ޗައިނާ ވައިރަސް. މި ބައްޔަށް 20 ވަރަކަށް ނަން އެބަކިޔާ. އަހަރެންނަށް ކޮރޯނާގެ މާނައަކީ އިޓަލީ. ޗައިނާ އަކީ ޗައިނާ. ޗައިނާ އިން އަންނަ އެއްޗެއް ވާނީ ޗައިނާ ވައިރަސް އަށް. މިކަން ގަބޫލު ކުރަމެއްނު؟." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ބުނީ ބެރޮން އަށް ކޮވިޑް-19 ޖެހިފައި ހުރި ވަގުތުކޮޅު ކުޑަކަމުން ބެރޮން އަށް ކޮވިޑް-19 ޖެހުނު ކަމަށް އޭނާ އަށް ގަބޫލު ވެސް ނުކުރެވޭ ކަމަށެވެ.

"ސަބަބަކީ ކުޑަކުދިންގެ ދިފާއީ ނިޒާމު މާބޮޑަށް ވަރުގަދައީ. ބެރޮން ވެސް ބަލި ޖެހިފައި ހުރީ ދެސިކުންތު ވަރު." ޓްރަމްޕް ބުންޏެވެ.

ބެރޮން މިހާރު ކޮވިޑް-19 އަށް ނައްސިވެފައިވާ ކަމަށް ވެސް ޓްރަމްޕް ބުންޏެވެ. ބެރޮން ކޮވިޑް-19 އިން މާއަވަހަށް ރަނގަޅުވިކަން ވިސްނައިދިނުމަށް ޓްރަމްޕް މަސައްކަތް ކޮށްފައި ވަނީ ކުދިން ސްކޫލަށް ފޮނުވުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

ބެރޮން ދިރިއުޅެމުން އަންނަނީ ޓްރަމްޕްގެ ދެމަފިރިންނާއި އެކު ވައިޓްހައުސްގައެވެ. ބެރޮން ކޮވިޑް-19 އަށް ފައްސިވުމުން ކުރިން ޓްރަމްޕް އާއި ބެރޮންގެ މަންމަ އަދި ފަސްޓްލޭޑީ މެލާނިއާ ވެސް ކޮވިޑް-19 އަށް ފައްސިވިއެވެ. ބެރޮން ކޮވިޑް-19 އަށް ފައްސިވިކަން ވައިޓް ހައުސް އިން އިއުލާނެއް ނުކުރެއެވެ. އޭނާ ކޮވިޑް-19 އަށް ފައްސިވިކަން ޓްރަމްޕް އިއުލާން މިކުރީވެސް އޭނާ ބަލިން ރަނގަޅުވި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު