ފީނަން ގޮސް އުޅުނު ހދ. މަކުނުދޫ މީހެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފިއެވެ.

މިހާރު އޭނާ އުނގޫފާރަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ މީހާއަކީ އަލިފުށި ކައިރިއަށް ފީނަން ދިޔަ މީހެއްކަމަށް މައުލޫމާތު ލިބެއެވެ. އެ މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަން އެރަށު ސިއްހީ މަރުކަޒުން ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

އޭނާ އަކީ ފީނަން ގޮސްގެން އުޅެނިކޮށް ޑީކޯވި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން މަކުނުދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ވާފިރު ވިދާޅުވީ، ހާލު ދެރަވި މީހާއަކީ އިތުރު ތިން މީހުންނާއެކު ލަނޑާ ނަގަން ޑިންގީއެއް ދިޔަ މީހެއް ކަމަށެވެ.

ހާލު ދެރަވެގެން ފަރުވާދެމުން ދަނީ 24 އަހަރުގެ ޒުވާނަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފީނަން އުޅުމުގެ ތެރޭގައި ޑީކޯވެ މީހުންގެ ހާލު ސީރިއަސް ވުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. މިމައްސަލައަށް ހައްލެއް ގެނައުމަށް މިހާރު ސަރުކާރުން ވަނީ ޑައިވް ކުރުމުގެ ތަމްރީން ލިބިފައި ނެތް މީހުން ޑައިވް ކުރުން މަނާ ވެސް ކޮށްފައެވެ.