ތުރުކީގައި ބޭނުން ކުރާ ފައިސާ، ލީރާ ގެ އަގު ވެއްޓިއްޖެއެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ތުރުކީގެ ލީރާގެ އަގުތައް ޔޫއެސް ޑޮލަރާއި އަޅައި ބަލާއިރު 8.0 އަށް ވެއްޓިފައި ވެއެވެ. ތުރުކީގެ ލީރާގެ އަގު ދަށަށް ދިޔައީ އެ ގައުމުގެ ސެންޓްރަލް ބޭންކުން އަލަށް އެކުލަވާލި ޕޮލިސީއަކާ ގުޅިގެންނެވެ. އެ ބޭންކުން ވަނީ ޕޮލިސީ ރޭޓް ހޯލްޑަށް ލައިފައެވެ.

އާލީ ޓްރޭޑްގައި ލީރާ 8.01 ގައި ހުރި އިރު ފަހުން ވަނީ 8.0080 އަށް ޖީއެމްޓީ ގަޑިން 0636 ގައި އަރައިފައެވެ. އަދި ހުކުރު ދުވަހު މި އަދަދު 7.9650 އަރާފައި ވެއެވެ. މި އަހަރުގެ ތެރޭގައި ތުރުކީގެ ލީރާގެ އަގު ވަނީ އެމެރިކާގެ ޑޮލަރާއި އަޅައި ބަލާއިރު 25 އިންސައްތަ ދަށަށް ވެއްޓިފައެވެ.

ސެންޓްރަލް ބޭންކުން އުންމީދު ކޮށްގެން ތިބީ އެ ބޭންކުގެ ޕޮލިސީ ރޭޓް 175 ބޭސިސް ޕޮއިންޓަށް އިތުރުވެ 12 އިންސައްތައަށް އަރާނެ ކަމަށެވެ. ބުރާސްފަތި ދުވަހު މި އަދަދު ދަށްވެ އެ ގައުމުގެ އިންފްލޭޝަން ރޭޓަށް އަސަރު ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ތުރުކީގެ ލީރާގެ އަގު ވެއްޓިފައިވާ މި ދަނޑިވަޅަކީ އެ ގައުމުގެ ރައީސް ރަޖެބް ތައްޔިބް އުރްދުގާން ފަރަންސޭސް ވިލާތުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން އަންގާފައިވާ ދުވަސްކޮޅެކެވެ. ތުރުކީ އާއި ފްރާންސުގެ ރައީސުންގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދި ތުރުކީގެ ރައީސް ވަނީ މެކްރޯންގެ ވިސްނުން ރަނގަޅުތޯ ބެލުމަށް ޓެސްޓު ހަދަންވެސް އަންގައިފައެވެ. އަދި ފްރާންސުން މުސްލިމުންނާ ދެކޮޅަށް ވާހަކަ ދައްކާތީ ތުރުކީގައި ހުރި ފްރާންސުގެ އެމްބެސަޑަރު ތުރުކީން ވަނީ ހާޒިރުކޮށް ސުވާލު ވެސް ކޮށްފައެވެ.

ތުރުކީގެ އެއް ލީރާ އަކީ ރާއްޖޭގެ 1.90ރ. އެވެ.