ސައުދީ އަރަބިއްޔާއަށް މިސައިލް އަދި ޑްރޯން ހަމަލާތަކެއް އަމާޒުކޮށްފި އެވެ.

ސައުދީގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުން މި ހަމަލާތައް އެޤައުމަށް އަމާޒުކޮށްފައި ވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އެ ދުވަހު ދެފަހަރެއްގެ މަތިން ހަމަލާދޭން މަސައްކަތް ކޮށްފައި ވާއިރު، ތިން މިސައިލާއި ހަ ޑްރޯން ހަމަލާ އެޤައުމަށް އަމާޒުކޮށްފައިވާ ކަމަށް ވެއެވެ.

މިކަމާއި ގުޅޭގޮތުން އަރަބި ކޯލިޝަންގެ ތަރުޖަމާނު ތުރްކީ އަލް-މާލިކީ ވިދާޅުވީ މި ހަމަލާތައް ފޮނުވާލީ ސައުދީ އާއި އިންވެގެން އޮންނަ ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ކަމަށެވެ. ހޫތީން ހަމަލާތައް ދިނުމަށް މަސައްކަތްކޮށްފައި ވަނީ ސައުދީގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ކަމަށްވެސް މާލިކީ ފާހަގަކުރެއްވި އެވެ.

މާލިކީ ވިދާޅުވީ، ހޫތީން ފޮނުވާލި މި ހުރިހާ ހަމަލާއެއްވެސް، އަމާޒަށް ވާސިލުވުމުގެ ކުރީން ސައުދީގެ އެންޓި-މިސައިލް ނިޒާމު މެދުވެރިކޮށް ނާކާމިޔާބުކޮށްލާފައި ވާކަމަށެވެ. އެހެންކަމުން ހަމަލާގެ ސަބަބުން އެއްވެސް ގެއްލުމެއް އެޤައުމަށް ނުލިބޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބުދަ ދުވަހު ހޫތީ ހަނގުރާމަވެރިން ސައުދީއަށް އެންމެ ފުރަތަމަ ފޮނުވާލީ ޑްރޯން ހަމަލާތަކެކެވެ. އޭގެފަހުން އެ ދުވަހު ދެން ހަމަލާތައް އަމާޒުކޮށްފައި ވަނީ އެޤައުމުގެ ޖަޒާން، ނަޖްރާން އަދި ޚާމިސް މުޝައިތު ސިޓީއަށެވެ. މި ސަރަޙައްދުތަކަށް ފޮނުވާފައި ވަނީ ބްލާސްޓިކް މިސައިލް ތަކެކެވެ.

މިކަމާއި ގުޅިގެން ސައުދީގެ އަސްކަރިއްޔާ އިން ވިދާޅުވީ، ހޫތީންގެ ޢަމަލުތަކުގެ ސަބަބުން އެޤައުމުގެ އާންމު ރައްޔިތުން ނުރައްކަލަށް ހުށަހެޅި ބިރުވެރިކަމެއްގެ ތެރޭގައި ތިބިކަމަށެވެ. އަދި ހޫތީ ހަނގުރާމަވެރިން ސައުދީއަށް ހަމަލާތައް ފޮނުވަމުން ދަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާއިވެސް ޚިލާފަށް ކަމަށް އަސްކަރިއްޔާއިން ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ހަމަލާއާއި ގުޅިގެން ސައުދީގެ ޑިފެންސް މިނިސްޓްރީން ވިދާޅުވީ، އެޤައުމަށް ނުރައްކާ ކުރުމަށް ހޫތީން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.

ހޫތީން އަންނަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ސައުދީގެ އެކި ސަރަޙައްދުތަކަށް މިފަދަ ހަމަލާތައް އަމާޒުކުރަމުންނެވެ. މިގޮތުން ޔަމަނުން ފޮނުވާލާ މިފަދަ ގިނަ ހަމަލާތައް، އަމާޒަށް ވާސިލުވުމުގެ ކުރިން ސައުދީގެ ދިފާޢީ ބާރުތަކުން މީގެ ކުރިންވެސް ނާކާމިޔާބު ކޮށްފައި ވެއެވެ.

ހޫތީ ހަނގުރާމަވެރިން ދާދިފަހުން ވަނީ، ސައުދީގެ އެކި ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. މިގޮތުން އެޤައުމުގެ ޝާހީ ގަނޑުވަރުތައް ހުންނަ ސަރަޙައްދުތަކަށް ހަމަލާ އަމާޒުކުރާނެ ކަމަށްބުނެ، އާންމުން އެތަންތަނުގެ ކައިރިޔަށް ޖަމާނުވުމަށް ހޫތީން އެދިފައި ވެއެވެ.

ހޫތީންގެ ހަމަލާތައް ސައުދީ އަށް އަމާޒުކުރަން ފެށީ، 2015 ވަނަ އަހަރު ސައުދީ އިސްވެ އޮންނަ އަރަބި ކޯލިޝަނުން ޔަމަނުގައި ހިންގި ވަރުގަދަ އޮޕަރޭޝަނަށް ފަހުއެވެ. އެ އޮޕަރޭޝަނުގައި ހޫތީން ދިރިއުޅޭ އެކި ސަރަޙައްދުތަކަށް ވައިގެމަގުން ދިން ހަމަލާތަކުގައި ހޫތީ ހަނގުރާމަވެރިންނާއި ގިނަ އަދަދެއްގެ އާންމުން މަރުވެފައި ވެއެވެ.

އެ ހަމަލާތަކަށްފަހު ޔަމަނުގައި ދިރިއުޅޭ އެތައް މިލިއަން ބައެއްގެ ގެދޮރުގެއްލި، ބަނޑުހައިހޫނުކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ހޫތީން ބުނެއެވެ.